Fuluhun Huvaakurun2

ދިވެހި ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އިސްކަންދަރު ބިލްޑިންގގައި މިއަދު ހެނދުނު  ބޭއްވި ރަސްމިއްޔަތެއްގައި ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛް ޢަބްދުﷲ އަލީއެވެ.

ފުލުހުންނަށް ހުވާ ލައިދެއްވުމަށްފަހު މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިވިލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛް ޢަބްދުﷲ އަލީ ދެއްކެވި ވާހަކަފުޅުގައި  ހުވަޔަކީ ވަރަށް އަގުހުރި އެއްޗެއްކަމާއި މާތް ﷲ ގަންދީ ހުވާކޮށްގެންހުރެ ހުވަޔާއި ޚިލާފުވެއްޖެނަމަ އެކަމުގެ ގެއްލުން އެމީހަކަށް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި  ހުރިހާ ފުލުހުންވެސް ފުލުހުންގެ ހުވަޔާ އެއްގޮތަށް މަސައްކަތްކޮށް، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށް ނަސޭޙަތްތެެރިވެ ލެއްވިއެވެ.

Fuluhun Huvaakurun

މިއަދުގެ ރަސްމިއްޔާތުގައި  ހުވާކޮށްފައިވަނީ ފުލުހުންގެ ޚިދުމަތަށް އަލަށް ގުޅުނު 21 ފުލުހުންނެވެ. އެއީ 15 ފުލުހުންނާއި ސްޕެޝަލް ކޮންސްޓަބިއުލަރީ 6 ފުލުހުުންނެވެ. މިރަސްމިއްޔާތުގައި ހުވާކުރުމަށްފަހު ފުލުހުންވަނީ ހުވާގެ ލިޔުމުގައި ސޮއިކޮށްފައެވެ.

މި ރަސްމިއްޔާތުގައި ހިއުމަންސް ރިސޯސް ޑިވެލޮޕްމަންޓްގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު މުސްލިމް ބައިވެރިވެލެއްވިއެވެ.