IMG-54514102e3f57808645445ede2391809-V

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތް ތަކުގެ ތެރެއިން އުތުރުގެ ތިން ރަށެއްގައި މަސްތުވާތަކެތީގެ އޮޕަރޭޝަން ތަކެެއް ހިންގައި، އެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަންފަށައިފިއެވެ. މި އޮގަސްޓް މަހުގެ 27 ވަނަ ދުވަހު ހިންގި އެ އޮޮަޕަރޭޝަން ތަކުގެ ތެރެއިން މަސްތުވާތަކެތި ކަމަށްބެލެވޭ ތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފައިވެއެވެ.

އެގޮތުން ރ. އަތޮޅު ރިސޯޓެއްގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެ އެވެ. އުނގޫފާރު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމް ހުސްކުރި ދަޅެއްގެ އިތުރުން މަސްތުވާ ތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

އޭގެ އިތުރުން ބ. ތުޅާދުއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 73 ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި ތަކެތި ފެނިފައިވަނީ ތުޅާދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި، މާލެއިން ތުޅާދުއަށް އައި ބޯޓަކުން ގެނައި ފޮށިގަނޑެއް ބަލައި ފާސްކުރުމުގެތެރޭގައެވެ.

އަދި ނ. ވެލިދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ވެލިދުއަށް އެތެރެކުރި މަސްތުވާތަކެތި ހޯދާފައިވެއެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޮޕަރޭޝަނުގައި އެ ރަށު ބަނދަރު ސަރަހައްދުން އަންހެނަކު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބުލެޓު ސައިޒުގެ ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ. އޭނާއަކީ މާލެއިން ވެލިދުއަށްއައި މީހަކަށްވާތީ އަދި ހައްޔަރުނުކޮށް ކަރަންޓީނުގައި ބަހައްޓައިގެން މައްސަލަދަނީ ތަހުގީގު ކުރަމުންނެވެ.