ޓްރެފިކް ޕޮލިސްގެ ލެޖެންޑް މިހިރީ!

ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އާތިފާ ޙަސަން

Nashiu 2

ޕޮލިސް ސްޓާފް ސަރޖަންޓް އިބްރާހިމް ނާޝިހުއޭ ބުނުމުން އެއީ ކާކުކަން ގިނަ ބަޔަކަށް ނޭނގިދާނެއެވެ. އެހެންނަމަވެސް މާލޭގެ މަގެއް މަތިން އޭނާ ފެނިއްޖެނަމަ އެއީ ކާކުކަން ނުދަންނަ މީހަކު މަދުވާނެއެވެ. ޓްރެފިކްމަނެއްގެ ގޮތުގައި އޭނާއާ މަގުމަތިން ބައްދަލުވެ ފެނިދެނިނުވާ މީހަކު މަދުވާނެއެވެ. ޓްރެފިކްމަނެއްގެ ހައިސިއްޔަތުން އެއީ ނަމޫނާ ފުލުހެކެވެ. އާންމުންގެ ބަހުންނަމަ ނާޝިހު އަކީ 'ލެޖެންޑް' އެކެވެ. އެކަން އަޅުގަނޑަށް އެނގުނީވެސް ތަފާތު ގޮތަކަށެވެ. ފުލުހުންގެ ޚިދުމަތާއި ގުޅޭ ވީޑިއޯ ލަވައެއް ހެދުމަށް އާންމުންގެ ބަޔަކާއެކު ކުރެވުނު މަޝްވަރާއެއްގެ ތެރެއިންނެވެ. އެވީޑިއޯގައި ދައްކުވައިދޭން ބޭނުންވަނީ 'ލެޖެންޑް އޮފިސަރެއް' ކަމާއި އެކަހަލަ އޮފިސަރެއް މަގުމަތިން ފާހަގަވާކަމަށްވެސް އަޅުގަނޑާ އެވާހަކަ ދެއްކި މީހުން ބުންޏެވެ. އެވާހަކަ އަޑުއިވުމާއެކު އެއީ ކާކުކަން ހޯދުމުގެ ޝަޢުޤުވެރިކަން ބޮޑުވިއެވެ. އެމީހުންގެ ވާހަކަތަކުން އަޅުގަނޑަށް ބެލެވުނީ އެއީ ނާޝިހު ނުވަތަ ފުލުހުންގެ އާންމު ނަމަން ނަމަ "ބާސޯ" ކަމެވެ. އަދި ނާޝިހު އެމީހުންނާއި ބައްދަލުކޮށްދިނުމުން އެކަން ޔަޤީންވިއެވެ.

Nashiu 1

ޕޮލިސް ސްޓާފް ސަރޖަންޓް  އިބްރާހިމް ނާޝިހު، އަކީ ހިތް ހެޔޮ، ބަސް މަދު އަދި ކުރާ މަސައްކަތް ފަރުވާތެރިކަމާއެކު ކުރާ ހީވާގި މުރާލި ފުލުހެކެވެ. ފާއިތުވި 10 ވަރަކަށް އަހަރު ޓްރެފިކް ޕޮލިސްގައި މަސައްކަތްކޮށްފައިވާއިރު، އޭނާ އަކީ އަބަދުވެސް މަގުމައްޗަށް ނުކުމެ ޓްރެފިކް ބެލެހެއްޓުމަށް ކުރަންޖެހޭ ކަންކަމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ ފުލުހެއްކަން ފާހަގަކުރެވެއެވެ. ޓްރެފިކް ފުލުހުންނަކީ އާންމު ގޮތެއްގައިވެސް މަގުމަތި ބެލެހެއްޓުމުގައި އަވަދިނެތި ބުރަ މަސައްކަތްތަކެއްކުރާ ބައެއް ނަމަވެސް ޤާނޫނު ތަންފީޒުކުރުމުގެ ތެރެއިން ބައެއް ފަހަރު ޖުރިމަނާކުރުން ފަދަ ކަންކަން ކުރަންޖެހޭތީ އާންމުންގެ ޝަކުވާތަކާއި އުދާސްތައް ބަންޑުންކޮށްލާ ފަހަރުވެސް މަދެއް ނޫނެވެ. އެހެންނަމަވެސް ޓްރެފިކް ފުލުހެއްގެ ހައިސިއްޔަތުން ނާޝިހުއަށް އާންމުންގެ ފަރާތުން ޚާއްސަ ލޯތްބަކާއި ޤަދަރެއް ދެވިފައިވާއިރު އެއީ 'ލެޖެންޑެއް' ކަމަށް ދިވެހި ޒުވާނުންތަކެއް ފާހަގަކުރާނީ ފުލުހުންގެ މިޚިދުމަތުގައި އޭނާއަށް ކޮންމެވެސް ކަންތައްތަކެއް އާދަޔާ ޚިލާފަށް ރަނގަޅަށް ކުރެވިފައި އޮތުމުންކަން ޤަބޫލުކުރެވެއެވެ.

Nashiu 5

މާލެއަށް އުފަން ޕޮލިސް ސްޓާފް ސަރޖަންޓް ނާޝިހު މިޚިދުމަތަށް ނުކުތީ އުމުރުން 22 އަހަރުގައެވެ. އޭގެފަހުން މިޚިދުމަތުގައި 24 އަހަރު ހޭދަކޮށްފައިވާއިރު، އެންމެ ގިނަ ދުވަހު މަސައްކަތްކޮށްފައިވަނީ ޓްރެފިކް ޕޮލިސް މެނޭޖްމަންޓް ޑިޕާޓްމަންޓުގައެވެ. އާދައިގެ ޓްރެފިކްމަނަކުން ފެށިގެން ޓްރެފިކް އޮޕަރޭޝަންސްގެ ޝިފްޓްތަކުގެ އިސްމީހެއްގެ ހައިސިއްޔަތުންވެސް ނާޝިހުވަނީ މަސައްކަތްކޮށްފައެވެ. 2012 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ޓްރެފިކް ޕޮލިހުގެ އެކި ޔުނިޓްތަކުގައި އޭނާ މަސައްކަތްކޮށްފައިވާއިރު، ނާޝިހު އެންމެ ގިނަ ދުވަހު މަސައްކަތްކޮށްފައިވަނީ މަގުމަތީ ޓްރެފިކް ބެލެހެއްޓުމުގައެވެ. އެގޮތުން ސްޓެޓިކްކޮށް ޑިއުޓީ ބެލެހެއްޓުމާއި، ބާޒާރުމަތިފަދަ ތޮއްޖެހުން ބޮޑުވާ ހުރިހާ ސަރަހައްދެއްގައިވެސް އޭނާ ވަނީ މަސައްކަތްކޮށްފައެވެ.

"މާލޭގައި ނުހުންނާނެ ޓްރެފިކް ނުބަލަހައްޓާ ސްކޫލެއް. ހުރިހާ ދިމާލެއްގައިވެސް މަސައްކަތްކުރިން. ސްކޫލް ކައިރީ މަގުމަތީގައި ހަރަކާތްތެރިވާއިރު އަބަދުވެސް ބަލަނީ ކުދިންނަށް ސަލާމަތްތެރިކަމާއެކު މަގުހުރަސްކުރެވޭތޯ. އެމަސައްކަތުގައި ބެލެނިވެރިންގެ ލޯބި ލިބޭ. މަގުމަތިން ނުފެންނަން ފެށީމަ ބައެއް މީހުން އެބަހުރި ބުނެފަ. މިހާރު ފުލުހުންގެ ވަޒީފާއިން ވަކިވީހޭވެސް. ޓެކްސީ ޑްރައިވަރުންވެސް އަހާ. ނުފެންނާތީ."

Nashiu 4

ޓްރެފިކް ފުލުހެއްގެ ހައިސިއްޔަތުން މަގުމަތީގެ ކަންކަން ތަރުތީބުކުރުމުގައި ބުރަ މަސައްކަތްތަކެއް ކުރުމަށްފަހު ނާޝިހު މިހާރު މަސައްކަތްކުރަނީ ޓޯވްޔާރޑުގައެވެ. އެހެންނަމަވެސް އޭނާ އަދިވެސް އެންމެ ޚިދުމަތްކުރަން ބޭނުންވަނީ މަގުމަތީ ޓްރެފިކް ބެލެހެއްޓުންކަން ނާޝިހު ފާހަގަކުރިއެވެ. 'ކޯވިޑްތެރޭގައިވެސް ބްރިޖް ޑިއުޓީއަށް ވަރަށް ފަހުންވެސް ދިޔައިން. ވަރަށް ހިތްހަމަޖެހޭ މަގުމަތީގައި ޑިއުޓީކުރުމަށް. ގިނަ ބަޔަކާއި ބައްދަލުވޭ. މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭ، މިސްކިތްކައިރިންވެސް ފެންނާނެ ދުވަސްވީ މީހުން މަގުހުރަސް ނުކުރެވި އުޅޭތަން. އެފަދަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ލިބޭ އުފަލެއް"

މިމަސައްކަތުގައި އޭނާގެ ޝައުޤުވެރިކަން ވަރަށް ބޮޑަށް ފެނިގެން ދެއެވެ. އެގޮތުން އޭނާ ފާހަގަކުރެވެނީ އަބަދުވެސް މަގުމަތިން ފެންނަ ކަންކަމަށް އަމިއްލައަށް އިސްނަގާ ފުލުހެއްގެ ގޮތުގައެވެ.  ޓްރެފިކް ވެސްޓް އަޅައިގެން ޔުނީފޯރމްގައި ހުއްޓަސް އަދި ޔުނިފޯރމްގައި ނެތްނަމަވެސް އަބަދުވެސް ޒިންމާދާރު އޮފިސަރެއްކަން އޭނާ ދަންނަ އެންމެންވެސް ޤަބޫލުކުރެއެވެ. އޮފް ޑިއުޓީގައިވެސް ޓްރެފިކާއި ގުޅޭ ކަމެއް މަގުމަތިން ފެނިއްޖެނަމަ އެކަމެއް ހައްލުކުރުމުގެ ޒިންމާ ވަގުތުން ނަގައެވެ. " މިހާރުވެސް މަގުމަތިންދާއިރު ޓްރެފިކް ކޯނުތައް ހަޑިކޮށް ހުރެއްޖިއްޔާ ރީތިކޮށްލަން، އަދި ޓޭޕް ދަމާފަ ހުންނަ ތަންތަންވެސް ހަޑިކޮށް ހުރެއްޖިއްޔާ ރީތިކޮށްލެވޭ. އަޅުގަނޑަށް ވަރަށް އުނދަގޫވާނެ އެގޮތަށް ހުރެއްޖިއްޔާ. މަގުމަތިންދާއިރު ފެންނަ ކަންކަމަށް އެޓެންޑްކުރެވެނީ އެއީ އެގޮތަށް މަސައްކަތްކޮށްފައިވާތީ އާދައަކަށްވެފައި ހުންނާތީ."

Nashiu 3

ނާޝިހުގެ ފާހަގަކޮށްލެވޭ އަނެއް ސިފައަކީ ބަސްމަދުކަމާއި މަޑުމައިތިކަމާއި އެއްވަރަށް ސާބިތުކަމާއެކު ކަންކަމާ ކުރިމަތިލުމުގެ ސިފައެވެ. އެގޮތުން ޤަވާއިދާ ޚިލާފަށް އުޅޭ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ ތެރޭގައި އާންމުންގެ މީހަކު ހިތްހަމަނުޖެހިގެން އެއްޗެއް ބުންޏަސް އޭނާ އަބަދުވެސް އިސްކުރަނީ މަޑުމައިތިރިކަމެވެ. އެހެންކަމުން އޭނާގެ ކެރިއަރުގެ ދިގު ތާރީޚުގައިވެސް އާންމުންގެ ފަރާތުން ހިތްހަމަނުޖެހުމާއި ކުރިމަތިލާންޖެހިފައިވަނީ މަދު ފަހަރަކުއެވެ. "އެންމެ ބޮޑު ދެބަސްވުމަކަށް ދިމާވީ އެއްފަހަރަކު ސްކޫލެއް ކައިރިން މީހެއްގެ ސައިކަލެއް ކަފިހި ހުރަސްމަތީ ހުރެގެން އަޅުގަނޑު ފިޔަވަޅު އެޅުމުން އެމީހާ ވަރަށް ޒުވާބުކުރަން އުޅުނު. އަޅުގަނޑު ދެންނެވިން ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްއަށް މައްސަލަ ހުށަހެޅުމަށް. މަގުމަތީގައި ޒުވާބުކުރުމުގެ ބޭނުމެއް ނެތޭ. އަޅުގަނޑަށް ވަގުތެއްވެސް ނެތޭ " އެފަހަރު އެމީހާ އަޅުގަނޑާ ދެކޮޅަށް ޕީއެސްސީއަށް މައްސަލަވެސް ޖެއްސި. އެމައްސަލަ ބަލާފަ އެނގުނީ އަޅުގަނޑުގެ ކުށެއް ނެތްކަން.

Nashiu 6

ކުރާ މަސައްކަތް ސާބިތުކަމާއެކު ކެރިގެން ކޮށްފިނަމަ ކާމިޔާބީ ހާޞިލުވާނެކަން ނާޝިހު މިވަނީ ދައްކައިދީފައެވެ. 'އަޅުގަނޑު ހުންނަ ވީސީޕީއަކުން ދެމިގަނެގެނެއް ނުދެވޭނެ. ދެ ތިން ވީސީޕީއިން ދެމިގެންދާ މީހުންވެސް އަޅުގަނޑު ހުންނާނެ ހުއްޓުވާފަ. އެ ޔަޤީންކަން އަބަދުވެސް އޮވޭ." ކިތަންމެ ބާރުބޮޑު ތަނެއްގައި މަސައްކަތްކުރަންޖެހުނު ނަމަވެސް އޭނާގެ މޫނުމަތިން ހާސްކަމެއް ނުފެނެއެވެ. އެއަށްވުރެ ބޮޑަށް ފެނިގެންދަނީ އެކަން ހައްލުކުރުމަށް ސާބިތުކަމާއި ހަރުދަނާކަންމަތީ މަސައްކަތްކުރާ ތަނެވެ. އާންމުންގެ މެދުގައި ނާޝިހު އާދަޔާ ޚިލާފަށް ތަފާތު މީހެއްގެ ގޮތުގައި ބަލައިގަންނަ ސަބަބަކީ އެއީ ކަމުގައިވެދާނެއެވެ.

ނާޝިހު ސިފަކޮށްދެމުން އަޅުގަނޑާއި މި ވާހަކަ އެންމެ ފުރަތަމަ ހިއްސާކުރި މީހުންވެސް ފާހަގަކުރީ އެއީ ވަރަށް ތަފާތު ކެރެކްޓަރއެއްގެ ގޮތުގައެވެ. އޭނާގެ ބަސްމަދުވެފައި ހަރާކްތައް 'ފާރމް' ކަމަށެވެ. އަދި އެއީ މަގެއްމަތީ އޭނާ ހުއްޓި ހުރެއްޖެނަމަ އަމިއްލައަށް އެމަގެއްގެ ޓްރެފިކް ފްލޯ ޑިސިޕްލިންވެގެންދާފަދަ ކުޅަދާނެ އޮފިސަރެއްކަމަށް އެމީހުން ފާހަގަކުރިއެވެ. އޭނާގެ މަސައްކަތުގެ އަޚްލާޤާއި ޒިންމާއަދާކުރުމުގެ ރިވެތި ނަމޫނާއިން އާންމުންގެ ހިތްތަކުން މިވަނީ ޖާގަހޯދާފައެވެ. އެއީ ޓްރެފިކް ފުލުހުންގެ ތެރެއިން އާންމުން ފާހަގަކުރާ ލެޖެންޑް އޮފިސަރެވެ. ނާޝިހުއަކީ މިހާރުގެ ޒުވާން ޓްރެފިކްމަނުންނަށްވެސް ނަމޫނާ ފުލުހެކެވެ. ޕޮލިސް ލައިފުން އެދެނީ ނާޝިހުއަށް އަބަދުވެސް ކާމިޔާބީ ހާޞިލުވުމެވެ.