PPE 3

ކޯވިޑް 19 ގެ ބަލިމަޑުކަން ދިވެހިރާއްޖެއަށް ކުރިމަތިވީއްސުރެ އެކަމުން އަރައިގަނެ ދިވެހި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސިއްހީ މާހިރުންނާ ކަމާގުޅޭ އެންމެން އެކުއެކީގައި މިދަނީ ގައުމީ ފެންވަރުގައި ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. މާލެ ސަރަހައްދުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއެކު ރައްޔިތުން ގެއިން ބޭރަށް ނުނިކުމެ ގޭގައި މަޑުކުރަންޖެހުނު ދަނޑިވަޅުގައިވެސް އާއިލާތަކާ ދުރުގައި ހިއްވަރާއެކު ކުރީސަފަށް ނުކުމެ ކެރިގެން މަސައްކަތްކުރި އެއްބަޔަކީ ޕީޕީއީގެ ނިވަލުގައި ތިބި ރެޕިޑް ރެސްޕޮންސް ޓީމް (އާރުއާރުޓީ) ކަން ޔަގީނެވެ. ބައްޔަށް ފައްސިވާ މީހުން ދެނެގަތުމަށް ސުންކު ނެގުމުން ފެށިގެން ބަލިމީހުން ފެސިލިޓީތަކަށް ގެންދިއުމުގައި ސިއްހީ މާހިރުންނާއެކު އެއްހަމައެއްގައި މަސައްކަތްކުރި މި ޓީމުގައި ދިވެހި ފުލުހުންވެސް ގެންދިޔައީ މަސައްކަތްކުރަމުންނެވެ. އެގޮތުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އެ މަސައްކަތުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. މި މަސައްކަތުގައި މިއަދާ ހަމައަށް ދެމިތިިއްބެވި ފުލުހުންގެ ތެރެއިން އެއް ފުލުހަކީ އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ އަބްދުއްރަހީމެވެ.

ކޯވިޑް 19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީން އެކުލަވައިލި ރެޕިޑް ރެސްޕޮންސް ޓީމުގައި، މާރިޗު 12 އިން ފެށިގެން މިއަދާ ހަމައަށް އަބްދުﷲ އަބްދުއްރަހީމް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެޓީމުގެ ޑެޕިއުޓީ ހެޑުގެ ގޮތުގައެވެ. ޓީމުގެ އިސްރޯލެއްގެ ދައުރު އަދާކުރެއްވި ކަމުގައިވިޔަސް އަބްދުﷲ ފާހަގަ ކުރެވިގެންދަނީ ޓީމުގެ ކަންކަން ބެލެހެއްޓުމާއެކުއެކީގައި، ޓީމުގައި ހިމެނޭ އެހެން މެންބަރުންނެކޭވެސް އެއް ހަމައެއްގައި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އަޅައިގެން އަމަލީ މަސައްކަތުގައި ހަރަކާތްތެރިވެލައްވާ މީހެއްގެ ގޮތުގައެވެ.

''ކޯވިޑަށް ފައްސިވާ މީހުންގެ ކޮންޓެކްޓް ޓްރޭސިން ހެދުމާއި ބިދޭސީން ދިރިއުޅޭ ތަންތަން ދެނެގަނެ އެތަންތަނުގެ ހާލަތު ދެނެގަތުމުގެ މަސައްކަތްކުރިން. އަދި ފައްސިވާ މީހުން ފެސިލިޓީތަކަށް ފޮނުވުމުގެ މަސައްކަތްވެސް ކުރިން އަދި މިހާރުވެސް އެ މަސައްކަތްތައް މިދަނީ ކުރަމުން. އޭގެއިތުރުން އެކްޓިވް ސަވައިލެންސް ސާމްޕަލް ނެގުމަކީ ފާއިތުވި ހަތަރު މަސްދުވަހު ކުރި އަދި މިހާރުވެސް ކުރަމުންދާ އެއް މަސައްކަތް" އާރުއާރުޓީ ގައި ކުރެއްވި އަދި ކުރައްވަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އަބްދުﷲ ވިދާޅުވިއެވެ.

PPE 2

ކޯވިޑް 19 ގެ ހާލަތު ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުން ދިޔުމާއެކު އެ ހާލަތަށް ރާއްޖެއިންވެސް ދުރާލައި ތައްޔާރީތަކެއް ވަމުން ދިޔަނަމަވެސް ކޯވިޑުގެ ފުރަތަމަ ކޭސް މާލެއިން ފެނުމާއެކު ކުރިމަތިވި ސިހުންތަކާއި ހާސްކަން ކުޑައެއް ނޫނެވެ. އެ ހާސްކަމުގެ ތެރޭގައި އަބްދުﷲ ފަދައިން އެތައް ފުލުހުންނެއްގެ ދިރިއުޅުމަށްވެސް ހީނުކުރާވަރުގެ ބޮޑެތި ބަދަލުތަކެއް ކުއްލިއަކަށް ގެންނަންޖެހުނެވެ. އަނބިމީހާއާއި ދެ ދަރިންނާއެކު އުޅެމުންދިޔަ އަބްދުﷲ އަށްވެސް ޖެހުނީ އާއިލާ ދޫކޮށް ރެޕިޑް ރެސްޕޮންސް ޓީމާއެކު ގައުމީ މަސައްކަތަށް އޭނާގެ ހުރިހާ ވަގުތެއްވެސް ހުސްކޮށްލާށެވެ. ކުއްލިއަކަށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަންޖެހުނު ބޮޑު ބަދަލާއެކު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ހަމަޖައްސާނެ ވަގުތެއްވެސް ނުލިބުނެވެ. އެހެންކަމުން ކާބޯތަކެއްޗާއި ޒަރޫރީ ކަންކަން ފުއްދާލެވޭނެ ހާލަތެއްވެސް ގޭގައި ނެތިދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.

''އޭރު އެންމެ ދެރަވީ ގެއަށް ބޭނުންވާ ކާބޯތަކެތި ނުލިބިގެން. މަސައްކަތުގައި އުޅުނަސް އެކަންތައް އަބަދުވެސް ހިތުގައި އިނދޭ. މި މަސައްކަތުގައި އުޅެމުންވެސް ގެއަށް އެއްޗެހި ހިފައިގެން އަމިއްލައަށް ދާން ފަސްޖެހުނު ނަމަވެސް އެކަންކަންވެސް ކުރަމުން ގެންދިޔައިން. ކަމުގެ ނުރައްކާތެރިކަންވެސް ބޮޑ. އެހެންވީމަ ގެއަށް ބޭނުންވާ އެއްޗިހި ގަނެގެން ގެންގޮސް ގެއަށް ނުވަދެ އަންނަނީ" އަބްދުﷲ ފާހަގަކުރެއްވިއެވެ.

މަސައްކަތުގައި ބުރަ އަދި އާއިލާއާ ދުރުގައި ހިތްދަތިކަމާއެކުގައި އުޅެންޖެހުނުނަމަވެސް އަބްދުﷲ އަށް ލިބުނީ ތަފާތު ހިތްހަމަޖެހުމެކެވެ. އެގޮތުން މިފަދަ ނުރައްކާތެރި ހާލަތުގައިވެސް ގައުމަށާއި ރައްޔިިތުންނަށް ހިދުމަތް ކުރެވުމާއި ރަނގަޅު ޓީމަކާއެކު މަސައްކަތްކުރަން ލިބުމަކީ ލިބުނު ވަރަށްބޮޑު ހިތްހަމަޖެހުމެއް ކަމުގައި ފާހަގަކުރެއްވިއެވެ.

ކޯވިޑް 19 އާ ގުޅިގެން ގެނެސްފައިވާ ކުއްލި ނުރައްކަލުގެ ހާލަތަށް ލުއިތަކެއް ދީފައިވީނަމަވެސް އަދިވެސް ކޯވިޑްގެ ނުރައްކާ ދިވެހިންނަށް ކުޑައެއް ނޫންކަން މިދަނީ ފެންނަމުންނެވެ. ބައްޔަށް ފައްސިވާ މީހުން ފެންނަ މިންވަރު އެއް ދުވަހުން އަނެއް ދުވަހަށް މިދަނީ އިތުރުވަމުންނެވެ. އާރުއާރުޓީގެ މަސައްކަތްތައްވެސް ކުރިއަށްވުރެ މިހާރު ވަނީ އިތުކުރެވިފައެވެ. ބަލިޖެހޭ ދިވެހިންގެ ނިސްބަތް މިހާރު އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާއިރު، އަބްދުﷲ ސިފަކުރައްވާ ގޮތުގައި މިއީ ފުލުހުންގެ ހިދުމަތުގައި އޭނާ ހޭދަކުރެއްވި 20 އަހަރު ދުވަހުގެ ތެރޭގައި، މިހާތަނަށް ދިމާވި އެންމެ ތަފާތު އެންމެ ގިނަ ހުރަސްތައް ކުރިމަތިކުރުވި އަދި ކުރިމަތިވަމުންދާ އެއް ހާދިސާއެވެ. ކޯވިޑުގެ ބިރުވެރިކަމުގެ އިތުރުން ޕީޕީއީ އަޅައިގެން ގިނަ ވަގުތު ހޭދަކުރަންޖެހުމަކީވެސް އެހައިމެ އުނދަގޫތަކެއް ކުރިމަތިވާ ކަމެކެވެ. އެހެންނަމަވެސް، ދަތި އުނދަގޫތަކާއެކުވެސް ގައުމާއި ރައްޔިތުންގެ ހައްގުގައި ކުރެވޭ ކޮންމެ މަސައްކަތަކީވެސް ހިތްހަމަޖެހުމެއްކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

PPE 1

މި މަސައްކަތުގައި އެންމެ ކުރީސަފުހައި މަސައްކަތްކުރާ މީހެއްގެ ހައިސިއްޔަތުން އަބްދުﷲގެވެސް އޮތީ އެންމެ ނަސޭހަތެކެވެ. އެއީ އެކުވެރި ހުރިހާ ފުލުހުންނާއި ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުންވެސް ސިއްހީ މާހިރުންގެ ލަފަޔާ އެއްގޮތަށް އަމަލުތައް ބެހެއްޓުމެވެ. އެކަކު އަނެކަކާ ބައްދަލުވާ އިރު އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމެވެ. ގެއިން ބޭރަށް ކޮންމެހެން ދާންޖެހިގެން މެނުވީ ނުދިއުމާއި ބޭރަށް ދާނަމަ މާސްކު އެޅުމަށް ސަމާލުކަން ދެއްވުމެވެ. ފަރުވާއެއް ހޯދިފައިނުވާ ނުރައްކާތެރި މި ބަލިން ރައްކާތެރިވުމަށް އޮތް ހަމައެކަނި ގޮތަކީ އެއީއެވެ.

ކޯވިޑްގެ މި ހިތްދަތި ބިރުވެރިކަމުން ގައުމު ސަލާމަތްކޮށް ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ޕީޕީއީގެ ނިވަލުގައި ތިބި ދިވެހި ފުލުހުންގެ އިތުރުންވެސް މި މަސައްކަތުގައި، އެންމެ ކުރީ ސަފުގައި ގިނަ އަދަދެއްގެ ފުލުހުން ގެންދަނީ ސާބިތުކަމާއެކު މަތިވެރި ގުރުބާނީތަކެއް ވަމުންނެވެ. އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ އަބްދުއްރަހީމް ފަދައިން މި މަސައްކަތުގައި ދެމިތިބި އެންމެހައި ފުލުހުންނަށްވެސް ޕޮލިސް ލައިފުން ހިއްވަރާއި ސާބަސް ރައްދުކުރަމެވެ.