bilehdhoo

ފ. ބިލެއްދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ކަނބަލުންނަށް އަމާޒުކޮށްގެން " ހަށިހެޔޮ ދުޅަހެޔޮ " ނަމުގައި ކުރިއަށް ގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމު ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ.

 މި އޯގަސްޓް 1 ވަނަ ދުވަހުގެރޭ ބިލެއްދޫ ސުކޫލު ހޯލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވަނަތަކަށް ހަނދާނީ ލިޔުން ބައްސަވައި ދެއްވީ، ފ. ބިލެއްދޫ އަންހެނުން ކޮމެޓީގެ މެމްބަރ ފަރުސާ ރަޝީދެވެ.

މި ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާން ފ. ބިލެއްދޫ އަންހެނުން ކޮމެޓީގެ މެމްބަރ ފަރުސާ ރަޝީދު ދެއްކެވި ވާހަކައިގައި ކަސްރަތު ޕްރޮގްރާމެއްގެ އެންމެބޮޑު އެއް މަގުސަދަކީ ފުލުހުންނާއި ރައްޔިތުން އޮންނަ ގުޅުން ހަރުދަނާކޮށް، އަމާން މުޖުތަމަޢެއް ބިނާކުރުމުގައި ފުލުހުންނާއެކު ތިބުމުގެ މުހިންމުކަމާއި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކަސްރަތުގެ މުހިންމުކަން ބުނެދިނުންކަމަށް ވިދާޅުވިއެވެ. އަދި މި  ޕްރޮގްރާމުގައި ބުރަ މަސައްކަތްތަކެއް ކުރުމަށްފަހު ގިނަ ބައިވެރިންތަކެއް މި ޕްރޮގްރާމުގެ ފުރިހަމަކޮށްފައިވާތީ އެކަމަށް އުފާކޮށް އެ ބައިވެރިންނަށް މަރުހަބާ ދެންނެވިއެވެ.

bilehdhoo13

މި ޕްރޮގްރާމުގައި، ފ. ބިލެއްދޫގައި ދިރިއުޅޭ 59 ކަނބަލަކު ބައިވެރިވެފައިވާއިރު، މި ޕްރޮގްރާމުގައި ބަރުދަން ލުއިކުރި ބައިވެރިންގެ ތެރެއިން އެކި ވަނަތައް ހޮވައި އިނާމާއި ހަނދާނީ ލިޔުން ދީފައިވެއެވެ. މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ ޖުލައި 15 ވަނަ ދުވަހުން ޖުލައި 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ރަސްމިއްޔާތުގައި، ފ.އަތޮޅުގެ ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ޑރ. ހަސަން އުމަރާއި، ފ.ބިލެއްދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުންނާއި، ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނުގެ އިންޗަރޖާއި ބިލެއްދޫ އަންހެނުން ކޮމެޓީގެ މެމްބަރ ފަރުސާ ރަޝީދުގެ އިތުރުން ޕްރޮގްރާމުގެ ބައިވެރިން ބައިވެރިވެފައިވެއެވެ