ޢަބްދުﷲ ޝަރީފް

މާލެ ސަހައްދުގައި މިރޭ 10 އިން ފަތިހު 05 އާ ދެމެދު މަގުމައްޗަށް ނުކުމެ އުޅޭ މީހުންނާމެދު ފިޔަވަޅު އަޅާނެކަމަށާއި އަދި އެކަން ތަންފީޒްކުރުމަށް ފުލުހުން ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާނެކަމަށް ޗީފް އުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ.

ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގައި ކޮވިޑް 19 ފެތުރުން އިތުރުވަމުންދާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު އިއުލާނުްކުރި ފިޔަވަޅުތައް ތަންފީޒްކުރުމަށް ފުލުހުން ކުރާނެ މަސައްކަތްތަކާ ގުޅޭގޮތުން ހެލްތު އިމްޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ޕްރީފިންގ ގައި މައުލޫމާތު ދެއްވަމުންނެވެ.

އެގޮތުން، މާލެ ސަރަހައްދުގައި މިރެއިން ފެށިގެން ރޭގަނޑު 10 އިން ފަތިހު 05 އާދެމެދު މަގުމައްޗަށް ނުކުމެ އުޅުމާއި ދުއްވާ އެއްޗެހި ދުއްވުން މަނާވާނެކަމަށާއި އެގަޑީގައި ހަމައެކަނި ދުއްވޭނީ ސަލާމަތީ ބާރުތަކުގެ އުޅަނދުތަކާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އުޅަނދުތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނުގެ އުޅަނދުތަކުގެ އިތުރުން އެމްބިއުލާންސް ކަމަށް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވިއެވެ. އޭގެ އިތުރުން، އެގަޑީގައި ޑިއުޓީއަށް ދާންޖެހޭ މީހެއްނަމަ އެތަންތަނުގެ ކާޑު ނުވަތަ ޔުނީފޯމް ބޭނުންކުރުމަށްވެސް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް އެދިލެއްވިއެވެ.

ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް އިތުރަށް ވިދާޅުވީ، ގަޑިލައިންތަކާ ޚިލާފުވެެގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބަންދުކުރާ ތަންތަން އަނެއްކާވެސް ހުޅުވައިގެން ހިދުމަތް ދެމުންގެންދާކަން ފާހަގަ ކުރެވިފައިވާކަމަށާއި އެގޮތަށް އަމަލު ކުރާފަރާތްތަކާމެދު އިތުރު އިންޒާރެއް ދިނުމަކާ ނުލައި ފިޔަވަޅު އަޅަމުން ގެންދާނެކަމަށެވެ. އަދި އަތޮޅުތެރެއިން މާލެއަށް އަންނަ އުޅަނދުތައް މާލޭގައި ބަނދަރުކުރުމަށް ވަކި ސަރަހައްދުތަކެއް ކަނޑައެޅި އެ އިންތިޒާމްތައްވެސް ރާވަމުން ގެންދާކަމަށްވެސް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރިފް ވިދާޅުވިއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ޕްރެސް ކޮންފެރެންސްގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ އިތުރަށް އެޅިގެންދާ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައެވެ.