MPS2253

ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ކުރި މަސައްކަތުން، ވަގަށްނެގި ފޯނެއް ހޯދައި އެ ފޯނު ވަގަށްނެގި މީހާ ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މި ޖުލައި 23 ވަނަ ދުވަހު ސައިކަލެއްގެ ޕޮކެޓުގައި އޮތް ފޯނެއް ވަގަށްނަގާފައިވާ ކަަމަށް ހުށަހެޅި މައްސަަލައަކާ ގުޅިގެން، ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ކުރި މަސައްކަތުންނެވެ. އެ މައްސަލަ ހުށަހެޅުމާއެކު ސީސީޓީވީ ކެމެރާ ބަލައި އޭނާ ހުރިތަން ހޯދާފައިވެއެވެ. އަދި އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ މޯބައިލް ފޯނު ފެނިފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.