HEOC press

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ނެރެ އާންމު ކުރަމުންދާ ގައިޑްލައިން ތަކާ އެއްގޮތަށް އަމަލު ކުރަމުންދޭތޯ ކަށަވަރުކުރުމާއި އެޗް.ޕީ.އޭގެ އިއުލާންތައް ތަންފީޒު ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށާއި އަދިވެސް އެ މަސައްކަތްތައް ކުރަމުންގެންދާނެ ކަމަށް މާފަންނު ޕޮލިސް ސްޓޭޝަންގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރަހުމާ ސައީދު ވިދާޅުވެއްޖެއެވެ.

ރަހުމާ ސައީދު މިހެން ވިދާޅުވީ ކޯވިޑް 19 އާ ގުޅިގެން މާސް އިންސްޕެކްޝަނެއް ފެށުމާ ގުޅޭގޮތުން ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން، އިންސްޕެކްޝަން ކުރިއަށްދާ ވަގުތު އިންސްޕެކްޝަންގައި ހިމެނޭ ޓީމުތަކާ އެކުވެސް ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމަށާއި ޓީމުތަކުގައި ހިމެނޭ މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަން ޖެހޭ އެންމެހައި ކަންކަންވެސް ފުލުހުން ކުރަމުންދާނެ ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން، އެޗް.ޕީ.އޭ ގެ ގައިޑްލައިންތަކާ ހިލާފުވާ ފަރާތްތަކަށް އެއްވެސް ފިޔަވަޅެއް އަޅަން ޖެހިއްޖެ ހާލަތެއް އަތުވެއްޖެނަމަ އެކަންވެސް ފުލުހުން ކުރަމުންދާނެކަން ފާހަގަކުރެއްވިއެވެ. އަދި މި އިންސްޕެކްޝަން ކުރިއަށްދާ ވަގުތު ތަކުގައިވެސް ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަނުގައި، ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވައިދުތަކާ ހިލާފަށް ދުންފަތުގެ އިސްތިއުމާލުކުރާ ތަންތަނާމެދު މިހާރުވެސް އަމަލު ކުރަމުންދާ އުސޫލުގެ މަތިން އެ ތަންތަނަށް އަޅަންޖެހޭ ފިޔަވަޅު އަޅަމުންދާނެ ކަމުގައި ވިދާޅުވިއެވެ.

މި އިންސްޕެކްޝަނަށް ފަހުވެސް ފުލުހުން މިހާރުވެސް މަސައްކަތް ކުރަމުން ގެންދާގޮތަށް މޮނިޓަރިންގެ މަސައްކަތް ކުރަމުންދާނެ ކަމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހުނު ކޮންމެ ކަމެއްވެސް ފަސް ޖެހުމެއްނެތި ފުލުހުން ކުރަމުންދާނެ ކަމަށްވެސް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރަހުމާ ސައީދު ވިދާޅުވިއެވެ.