Guraidhoo Council meeting

ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ތ. ގުރައިދުއަކީ ކުށްމަދު އަމާން ރައްކާތެރި ރަށަކަށް ހެދުމަށްޓަކައި ގުރައިދޫ ޕޮލިސް ސްޓޭޝަނުން އެރަށު ކައުންސިލާއެކު މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ.

އެ ބައްދަލުވުމުގައި ތ. އަތޮޅު ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް ޝާކިރު ދެއްކެވި ވާހަކަފުޅުގައި، ރަށުގައި ހިނގާ ކުށްތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރެއްވިއެވެ. އަދި ކުށްމަދު ކުރުމަށް ކުރިން ކުރަމުންއައި  މަސައްކަތްތަކާއި މިހާރު ކުރަމުންދާ މަސައްކަތްތަކަށް ބަލައި ބަދަލެއް ގެންނަން ޖެހޭނަމަ އެ ބަދަލެއް ގެނެސްގެންވެސް ކުށް މަދުކުރުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ރަށުގެ ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ފުލުހުންނާއި ކައުންސިލް ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކުރެއްވިއެވެ. އަދި ރަށުގައި އުޅޭ ބިދޭސީންގެ ދަފްތަރެއް އެކުލަވާލައި، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ކަންކަން އިމިގްރޭޝަން މެދުވެރިކޮށް ހައްލުކުރުމަށް ދެ ފަރާތް ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކުރެއްވިއެވެ.

އަދިވެސް އޭގެ އިތުރުން ރަށުގެ ރައްޔިތުންނަށް ފައިދާކުރާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމާއި މަސްތުވާތަކެތީގެ މައްސަލަތަކަށް ހައްލު ހޯދުމަށް މަޝްވަރާކުރެއްވިއެވެ.

މިހިނގާ ޖުލައި މަހުގެ 07 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި، ކުޑަކުދިން ކުށުގެ ވެށިން ދުރުހެލިކުރުމަށް މަސައްކަތްކުރުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްދިނުމާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ކަންކަން ހައްލުކުރުމަށް މަސައްކަތް ކޮށްދިނުމަށް ކައުންސިލްގެ ނައިބު ރައީސް ތައުފީގު އަލީ އެދިލެއްވިއެވެ.

އަދި ފުލުހުން ކުރާ މަސައްކަތްތައް ފާހަގަކުރައްވައި ރަށުގެ ތަރައްގީއަށް ކުރާ މަސައްކަތް ތަކުގައި ފުލުހުން ވެދެއްވާ އެހީތެރިކަން ގުރައިދޫގެ ރައްޔިތުން ބަލައިގަންނަކަމަށާއި ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި ފުލުހުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާކަމުގައި ފާހަގަކުރައްވައި އެކަމަަށް ޝުކުރު އަދާކުރެއްވިއެވެ.

އެ ބައްދަލުވުމުގައި ތ. އަތޮޅު ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް ޝާކިރާއި ގުރައިދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖު ޕޮލިސް ސްޓާފް ސަރޖަންޓް މުހައްމަދު ރިފްޝާނުގެ އިތުރުން ކައުންސިލްގެ ނައިބު ރައީސް ތައުފީގް އަލީއާއި ކައުންސިލްގެ މެމްބަރުން ބައިވެރިވިއެވެ.