viber_image_2020-07-06_11-34-34

ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތާ ހަވާޅުވެފައިވާ އާރުއައިއެކްސް(ރިޒް) ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް، ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީއާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އެގޮތުން، ރިސޯޓް ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ އެކުންފުނިން ހަވާލުވެ، މީހުން ޓްރެފިކް ކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސިންނަށް އޮޅުވާލައި، މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާކަމަށް އެ ކުންފުނީގެ މައްޗަށް ތުހުމަތު ކުރެވެއެވެ.

އޭގެ އިތުރުން، ޓްރެފިކް ކުރެވިފައިވާ ކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރިން ރާއްޖޭގެ ރަށްތަކުން ހޯދައި، އެ ބިދޭސީންނާ ހަވާލުވެ، އެކުންފުނީގެ ބެލުމުގެ ދަށުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ގެންގޮސް، ބިދޭސީ މަސައްކަތްތެރިންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ގާނޫނާ ހިލާފު މަޖުބޫރުކުރުވުމެއް ކުރިމަތިކުރުވައިގެން މަސައްކަތްތެރިންނަށް ދޭންޖެހޭ މުސާރައާއި އުޖޫރަނުދީ ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކުރުވާފައިވާކަން އެ ކުންފުނީގެ މައްޗަށް ތުހުމަތު ކުރެވެއެވެ. އަދި އެ މަސައްކަތްތެރީންގެ ތެރެއިން މުސާރައާއި އިނާޔަތް ހޯދަން އަޑުއުފުލާ މީހުންނަށް ބިރުދައްކައި ވަޒީފާއިން ވަކިކޮށް އަނބުރާ މާލެ ސަރަހައްދަށް ފޮނުވާފައިވާކަމަށްވެސް ތުހުމަތު ކުރެވެއެވެ.

މި މައްސަލަ ފުލުހުންގެ ހިއުމަން ޓްރެފިކިންގ ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.