01

ފުރަބަންދުގައި އާއިލާތަކާ ވަކިން ގައުމީ ހިދުމަތުގައި ފުލުހުން ދެއްކި ސާބިތުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ޝުކުރު އަދާކުރައްވައިފިއެވެ.

މިއަދު ހަވީރު އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި ފުލުހުންނާ މުހާތަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއަހަރު ފެށުނީއްސުރެ ކޯވިޑް 19 އާ  ދެކޮޅަށް ފުލުހުން އަދާކުރި ދައުރު ފާހަގަ ކުރެއްވިއެވެ. އަދި އެއީ ދިވެހި ކޮންމެ ރައްޔިތަކު ހެޔޮހިތުން ބަލައިގަންނާނެ މަސައްކަތެއްކަމުގައި ވިދާޅުވިއެވެ. އޭގެ އިތުރުން ވެރިރަށް މާލެ ފުރަބަންދުގައި އޮތް ދުވަސްތަކުގައި ފުލުހުންގެ މަސައްކަތް އެތައް ގުނައަކަށް އިތުރުވެގެން ދިޔަކަމުގައި ފާހަގަ ކުރެއްވިއެވެ. އަދި ބަލިފެތުރުން ހުއްޓުވުމަށްޓަކައި އާންމު ރައްޔިތުން ގޭގައި ތިބިއިރު މާލެތެރޭގެ ސަލާމަތާއިި ރައްކާތެރިކަން ކަށަވަރުކުރުމާއި ރައްޔިތުންގެ މުދަލާއި ގެދޮރު ހިމާޔަތް ކުރުމަށް ފުރާނަ އަތްމައްޗަށް ލައިގެން އާއިލާތަކާ ވަކިން ފުލުހުން ކުރި މަސައްކަތްތައް ފާހަގަކުރައްވައި ފުލުހުންގެ އާއިލާތަކުން ދެއްވާ އެއްބާރުލެއްވުން އުފަލާއި ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާ ކަމުގައި ވިދާޅުވިއެވެ.

02

އިތުރަށް ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މާލޭގެ ކުދިކުދި ތަންތަންކޮޅުގައި ތޮއްޖެހިގެން އުޅެމުންދިޔަ ބިދޭސީން އެކި ތަންތަނަށް ބަދަލުކުރުމަށް ފުލުހުން ކުރި މަސައްކަތަށް ސާބަސްދެއްވައި ޝުކުރު އަދާކުރެއްވިއެވެ. އަދި ކަރަންޓީން ފެސިލިޓީތައް ބެލެހެއްޓުމާއި ކޯވިޑާ ގުޅިގެން ކުރެވުނު ހުރިހާ ބާވަތެއްގެ މަސައްކަތެއްގައި ފުލުހުން ބައިވެރިވެފައިވާކަމުގައި ވިދާޅުވިއެވެ. އޭގެ އިތުރުން މި ނުރައްކާތެރި ހާލަތުގައި ވެސް ފުލުހުންގެ ގައުމީ ވާޖިބު އަދާކުރައްވާފައިވާ ކަމުގައި ވިދާޅުވެ އެކަމަށްޓަކައި ހުރިހާ ފުލުހުން ޝާމިލުވާގޮތަށް ދިވެހި ރައްޔިތުންގެ ނަމުގައި ފުލުހުންނަށް ޝުކުރު އަދާކުރެއްވިއެވެ.

03

ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވި މި ރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފުލުހުންގެ ޝިއާރަކީ ހިމާޔަތްކުރުމާއި ހިދުމަތް ކުރުން ކަމަށާ އަދި އަމަލީގޮތުން ފުލުހުން ސާބިތުކޮށްދެމުންދަނީ އެ ޝިއާރުގެ މަތީގައި ދިވެހި ފުލުހުން ދެމިތިބިކަން ކަމުގައެވެ. އަދި އެކަން އެންމެ ފުރިހަމަގޮތުގައި ދެމެހެއްޓޭނީ ދިވެހި ފުލުހުންނަކީ ތައުލީމާއި ތަމްރީނު ލިބިފައިވާ ޕްރޮފެޝަނަލިޒަމްގެ އެންމެމަތީ މިންގަނޑުގައި ހަރަކާތްތެރިވާ މުއައްސަސާއެއްގެ ގޮތުގައި ފުލުހުން ދެމިތިބެގެން ކަމުގައި ވިދާޅުވިއެވެ. އެގޮތުން ދިވެހި މުޖުތަމައުގައި ހުރި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމުގައި ފުލުހުންގެ ދައުރު މުހިންމުކަމުގައި ފާހަގަކުރައްވައި ފުުލުހުންނަށް ބޭނުންވާ ތައުލީމާއި ތަމްރީނު އިތުރަށް ހޯދައިދީ ފުލުހުންގެ ވެލްފެއަރގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ.

04

އޭގެ އިތުރުން ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ބަލައި ތަހުގީގު ފުރިހަމަކޮށް އަވަސްކުރުމަކީ މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ. ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަށް އިތުރު ސަމާލުކަމެއް ދޭންޖެހޭ ކަމާއި ތަހުގީގު އަވަސްކޮށް ޝަރީއަތްތައް ހަލުވިކޮށް އަވަހަށް އިންސާފު ގާއިމުކުރެވެންޖެހޭ ކަމުގައި ވިދާޅުވިއެވެ. ހާއްސަކޮށް ފުލުހުންނަށް ހުށަހެޅޭ ހައްސާސީ މައްސަލަތަކުގެ ތެދު މައުލޫމާތު އޭގެ ވަގުތުގައި ރައްޔިތުންނާ ހިއްސާކުރުން އިތުރަށް މިއަދުމިވަނީ މުހިންމު ވެފައި ކަމުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝެއިޚް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފާއި ފުލުހުންގެ އިސް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި ގިނައަދަދެއްގެ ފުލުހުންނާއި ސިވިލް މުވައްޒަފުން ބައިވެރިވިއެވެ.