މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ގދ. ވާދޫ އާއި ތިނަދޫގައި ދެ އޮޕަރޭޝަނެއްގައި ހިންގައި މަސްތުވާތަކެތި ހޯދައި، މީހަކު ހައްޔަރުކޮށްފިއެވެ.

އެގޮތުން ގދ.ތިނަދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ތިނަދޫގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މި ޖުލައި މަހުގެ 3 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ފިރިހެނެކެވެ.

އެމީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދަޅެއް ފެނިފައިވެއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

ގދ. ވާދޫގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސައްކަތްކުރާ ފުލުހުންނާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން މި ޖުލައި މަހުގެ 4 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަނުގައި އެރަށުގެ ފަޅު ގެއެއް ބަލައިފާސްކޮށްފައިވާއިރު، އެގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓް ފެނިފައިވެއެވެ. މިމައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވެއެވެ.

މި ދެ މައްސަލަ ތިނަދޫ ޕޮލިސް ސްޓޭޝަނުންނާއި ވާދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.