Hussain Zaahin News Pic

އިތުރުބާރުކުރެވޭ މަގާމެއްގައިހުރެ 13 އަހަރުގެ އަންހެން ކުއްޖަކު ބްލެކްމެއިލްކޮށް، އެކުއްޖާ ރޭޕްކޮށް، ޖިންސީ ގޯނާކޮށްފައިވާ މައްސަލާގެ ތުހުމަތުގައި 2020 ޖުލައި  4 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ތ. ގުރައިދޫ/މިޔަވާލި، ޙުސައިން ޒާހިނު (33އ)  ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ތ. ގުރައިދޫ/މިޔަވާލި، ޙުސައިން ޒާހިނު (33އ) މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ތުހުމަތުކުރެވޭ މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައަކަށް ވުމާއެކު، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމަޢުއަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމަށް ފެންނާތީ ޝަރީއަތުން ވަކިގޮތެއް ކަނޑައެޅެންދެން  ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

މިމައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ދައުވާ ކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ފުލުހުން މިހާރުދަނީ ކުރަމުންނެވެ.

ޗައިލްޑް އެބިއުސް އަދި އެކްސްޕްލޮއިޓޭޝަންގެ މައްސަލަތައް އިތުރުވަމުންދާކަމަށް ފާހަގަ ކުރެވޭތީ، މައިންބަފައިންނާއި ބެލެނިވެރިން މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް މިސަރވިސްއިން އިލްތިމާސް ކުރަމެވެ. އަދި ކުޑަކުދިންނާ ގުޅޭ މައްސަލަތައް މީޑިއާ ތަކުގައި ޝާއިއު ކުރާއިރު ކުޑަކުދިންގެ ކަރާމާތަށް އުނިކަން ނާންނަގޮތަށް އަމަލުކުރުމަށްވެސް މިސަރވިސްއިން އިލްތިމާސްކުރަމެވެ.

މިފަދަ އެއްވެސް މައްސަލައެއްގެ މަޢުލޫމާތު ލިބިއްޖެނަމަ އެކަން މިސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފޯން 3000600 އަށް ނުވަތަ މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ހިލޭ ގުޅޭ ނަމްބަރ 1412 އަށް ހުށަހެޅުއްވުމަށް އިލްތިމާސްކުރަމެވެ.