Ibrahim Shafiu 37yrs

ނުކުޅެދުންތެރިކަން ހުންނަ އުމުރުން 15 އަހަރުގެ އަންހެން ކުއްޖެއް ރޭޕްކޮށް، ބަލިވެއިން މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 2020 ޖުލައި 2 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ފ. ފީއަލީ/ފީރޯޒްގެ، އިބްރާހިމް ޝާފިއު (37އ) ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން 2020 ޖުލައި 3 ވަނަ ދުވަހު ފ. ފީއަލީ/ފީރޯޒްގެ، އިބްރާހިމް ޝާފިއު (37އ) ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ ތުހުމަތުކުރެވޭ މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށް، ރޭޕްކުރި މައްސަލައަކަށްވަތީ،  އޭނާ ދޫކޮށްލައިފިނަމަ މިމައްސަލާގައި ހިމެނޭ ފަރާތްތަކަށް ނުފޫޒުފޯރުވައި ހެކި ނައްތާލުމަށް މަސައްކަތްކޮށްފާނެތީ އާއި އޭނާގެ ފަރާތުން މުޖުތަމަޢުއަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމަށް ފެންނާތީ ތަހުގީގު ނިމެންދެން ކަސްޓޯޑިއަލް ޖަލެއްގައި ބެހެއްޓުމަށާއި މައްސަލައިގެ ޝަރީއަތުން ހުކުމެއް ނުވަތަ ޝަރީއަތުން ވަކިގޮތެއް ކަނޑައެޅެންދެން ރިމާންޑް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

މިމައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ދައުވާ ކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންވެސް ހިމެނޭގޮތަށް ޗައިލްޑް އެބިއުސް އަދި އެކްސްޕްލޮއިޓޭޝަންގެ މައްސަލަތައް އިތުރުވަމުންދާކަމަށް ފާހަގަ ކުރެވޭތީ، މައިންބަފައިންނާއި ބެލެނިވެރިން މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް މިސަރވިސްއިން އިލްތިމާސް ކުރަމެވެ. އަދި ކުޑަކުދިންނާ ގުޅޭ މައްސަލަތައް މީޑިއާ ތަކުގައި ޝާއިއު ކުރާއިރު ކުޑަކުދިންގެ ކަރާމާތަށް އުނިކަން ނާންނަގޮތަށް އަމަލުކުރުމަށްވެސް މިސަރވިސްއިން އިލްތިމާސްކުރަމެވެ.

މިފަދަ އެއްވެސް މައްސަލައެއްގެ މަޢުލޫމާތު ލިބިއްޖެނަމަ އެކަން މިސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފޯން 3000600 އަށް ނުވަތަ މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ހިލޭ ގުޅޭ ނަމްބަރ 1412 އަށް ހުށަހެޅުއްވުމަށް އިލްތިމާސްކުރަމެވެ.