DrugSuspects

ޕޮލިސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން 2020 ޖޫން 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި، ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރި ކުރާ ބޮޑު ނެޓްވޯކެއްގައި ހިމެނޭ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެމީހުންގެ ތެރެއިން ބައެއް މީހުންނާ ގުޅުންހުރި ހުޅުމާލެ ލޮޓް 10634 ބަލައި ފާސްކުރިއިރު ހަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަތް މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދު ދެވަނަ ފަަހަރަށް އިތުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ، އަސްރަފީގެ، މުޙައްމަދު ޝަރީފް (43) އާއި ގއ. ކޮލަމާފުށި، ކަރަންކާވިލާ، އަފްޞަލް ރަޝީދު (33އ) އެވެ.

އެމީހުންގެ ބަންދު ދެވަނަ ފަހަރަށް އިތުރުކުރުމަށް 2020 ޖޫން 30 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. އެމީހުންގެ ބަންދުގެ މުއްދަތު ދެން ހަމަވާނީ 2020 ޖުލައި 15 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މުޙައްމަދު ޝަރީފަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ. އޭގެ އިތުރުން، ފުޅާދާއިރާއެއްގައި ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މީގެ ކުރިންވެސް ހައްޔަރުކޮށްފައިވާ މީހެކެވެ.

ހުޅުމާލޭގައި ހިންގި މި އޮޕަރޭޝަންގައި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމީހުންނާ ގުޅުންހުރި ތަންތަން ބަލައި ފާސްކޮށްފައިވެއެވެ. ނަމަވެސް، އެމީހުންގެ ތެރެއިން އެކަކާ ގުޅުންހުރި އެއްވެސްތާކުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ފެނިފައިނުވާތީ އެމީހާ ވަނީ ދޫކޮށްލާފައެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.