police 15

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ށ. އަތޮޅުގައި ފުލުހުން ހިންގި ތިން އޮޕަރޭޝަނެއްގައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

އެގޮތުން ށ. ބިލެތްފަހީގައި މީހަކު މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ފުނަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއަދު ހިންގި އެ އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ކުޑަ ތިން ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މީގެ އިތުރުން ށ. ފޯކައިދޫގައި ބަޔަކު ބަނގުރާ އުފައްދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފޯކައިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި 22 އަހަރުގެ މީހަކާއި 32 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި ދެ މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

މި ހިނގާ ޖޫން މަހުގެ 28 ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަނުގައި އެ ދެ މީހުން ހައްޔަރުކޮށް، އެ މީހުން ތިބި ގެ ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ތެއްޔަކާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ފެނިފައިވެއެވެ.

މާލެއިން ފުރައިގެން ށ. ފުނަދުއަށް ދަތުރުކުރަމުންދާ ބޯޓަކުން ފުނަދުއަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ހިނގާ ޖޫން މަހުގެ 28 ވަނަ ދުވަހު އޮޕަރޭޝަނެއް ހިންގާފައިވެއެވެ.

ފުނަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އެ ބޯޓުން ގެނައި ތަކެތި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއްހުރި  ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން 22 އަހަރުގެ މީހަކާއި 32 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި ދެ މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

މި ތިން މައްސަލަވެސް ފުލުުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.