20200518_212230

މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރާގައި ބޯކޮށް ވާރޭވެހި ވައިގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލާފަކޮށްފައިވާތީ، އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރަމެވެ.

ކަނޑުދަތުރުކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ޔަގީންކުރުމަށް މިފުރުސަތުގައި ހަނދުމަފުޅުކޮށް އަރުވަމެވެ. ވަކިން ހާއްސަކޮށް، މުދާ އުފުލާ އުޅަނދުތައް ބަރުކުރުމުގައި ހުއްދަ ދެވިފައިވާ މިންގަނޑަށްވުރެ ބަރު ނުކުރުމަށާއި، ފަސިންޖަރުން އުފުލާ އުޅަނދުފަހަރުގައި ސަލާމަތީ އާލާތްތައް ފަސޭހައިން އަތުޖެހޭ ގޮތަށް ބެހެއްޓުމަށް އިލްތިމާސްކުރަމެވެ. އޭގެ އިތުރުން، މުވާސަލާތު ކުރުމަށް ބޭނުންކުރާ ސެޓުފަދަ ތަކެތި ރަނގަޅަށް މަސައްކަތްކުރޭތޯ ޔަގީންކުރުމަށްފަހު ނޫނީ ދަތުރު ނުފެށުމަށް ދަންނަވަމެވެ.

މޫސުމަށް އަންނަ މިފަދަ ބަދަލާއެކު، ފަޅުތެރޭގެ އޮޔަށް ބަދަލު އައިސް އުޅަނދުފަހަރަށްވެސް ގެއްލުންތައް ދަނީ ލިބެމުންނެވެ. އެހެންކަމުން ފަޅުގައި އުޅަނދު އެޅުމުގައި ރައްކާތެރިކަން ކަށަވަރުކުރުމާއި ނަގިލި ކަހާލުންފަދަ ކަމެއް ދިމާވެދާނެ ކަމަށްޓައި ސަމާލުވެ، ރަނގަޅަށް ބެލެހެއްޓުމަށްވެސް މިފުރުސަތުގައި އިލްތިމާސްކުރަމެވެ.

މީގެ އިތުރުންވެސް ވައިގަދަވެގެންދާ ވަގުތުތަކުގައި، އުސް އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކުން ދޮރުތަކާއި ކުޑަދޮރުތައް ރައްކާތެރިކަމާއެކު ލެއްޕުމަށާއި ބެލްކަނި އަދި ޓެރެސްގައި ހުންނަ ގަސްމުށި ފަދަތަކެތި ބިންމައްޗަށް ނުވެއްޓޭނެހެން ރައްކާތެރިކުރުމަށް ހާއްސަ ސަމާލުކަމެއްދިނުމަކީ ހިނގާފާނެެ ހާދިޘާއަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅެކެވެ. އެހެންކަމުން މިފަދަ ކަންކަމަށްވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް މި ފުރުސަތުގައި އިލްތިމާސްކުރަމެވެ.

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަބަދުވެސް އެޅުމަށާއި ލިބޭ ގެއްލުންތައް ކުޑަކުރުމަށް ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.