IMG-5e2fc9504e87a86bd42250567416f774-V

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކ. ހިންމަފުށީގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންމަފުށީގައި ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ މީހަކާއި 34 އަހަރުގެ މީހެކެވެ. މި ދެ މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

މި ދެ މީހުންގެ ތެރެއިން 29 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހިންމަފުށީގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ހިނގާ މެއި 5 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައެވެ.

އެ އޮޕަރޭޝަނުގައި، ކޯޓުއަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 37 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

34 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މެއި 5 ވަނަ ދުވަހު ހިންގި ދެވަނަ އޮޕަރޭޝަނުގައެވެ.

އެ އޮޕަރޭޝަނުގައި، އޭނަ ހައްޔަރުކޮށް ބަލައި ފާސްކުރިިިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓު ފެނިފައިވެއެވެ

މި ދެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށްވެސް 15 ދުވަހުގެ މުއްދަތު ކޯޓުންވަނީ ދީފައެވެ.

މި ދެ މައްސަލަވެސް ހިންމަފުށި ޕޮލިސް ސްޓޭޝަނުންދަނީ ތަހުގީގު ކުރަމުންނެވެ.