
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި ދެ އޮޕަރޭޝަނެއްގައި، އައްޑޫ ސިޓީ ފޭދޫން މަސްތުވާތަކެތި ހޯދައި މަރަދޫން ބަނގުރާފުޅި ތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި ދެ އޮޕަރޭޝަނުގެ ތެރެއިން މަރަދޫގައި ބަޔަކު ބަނގުރާ ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ އަންހެނަކާއި 41 އަހަރުގެ ފިރިހެނެކެވެ. މި ދެ މީހުންނަކީވެސް ދިވެހިންނެވެ.
މި އެޕްރީލް މަހުގެ 7 ވަނަ ދުވަހުރޭ ހިންގި އެ އޮޕަރޭޝަނުގައި، އެ ދެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު ފަސް ފުޅި ބަނގުރާ ފެނިފައިވެއެވެ.
މީގެ އިތުރުން ފޭދޫން މީދުއަށް މަސްތުވާތަކެތި ގެންދަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި އެޕްރީލް މަހުގެ 7 ވަނަ ދުވަހުގެ ރޭ އިތުރު އޮޕަރޭޝަނެއްވެސް ހިންގާފައިވެއެވެ. އެ އޮޕަރޭޝަނުގައި، ބޯޓަކަށް އަރުވާފައިހުރި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި ޕާޓީ ޑްރަގްސް ކަމަށް ބެލެވޭ ބޭސްގުޅަ ތަކެއްގެ އިތުރުން މަނާ ބޭސްތަކެއް ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.
މި ދެ މައްސަލަވެސް އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.