Nilandhoo shop visit

ކުށްމަދު އަމާން މާހައުލެއް ގާއިމުކޮށް ރައްޔިތުން ހޭލުންތެރި ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ފ. ނިލަންދޫގައި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ނިލަންދޫ ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ.

މި ހިނގާ އެޕްރީލް މަހުގެ 7 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ މި ދުވަސްވަރު ހިންގާފާނެ ކަމަށް ބެލެވޭ ކުށްތައް، ވިޔަފާރިކުރާ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް އެކުށްތައް ވިޔަ ނުދިނުމަށްޓަކައި ކުރެވެންހުރި ކަންކަމަށް އެފަރާތްތައް ހޭލުންތެރިކުރުމާއި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮތުމާ ގުޅިގެން ވިޔަފާރިވެރިން ސަމާލުކަންދޭންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އެގޮތުން މި ޕްރޮގްރާމްގައި، ވައްކަންކުރާ ފަރާތްތަކަށް ފުރުސަތު ނުދިނުމަށް ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަން ހުރި މިންވަރު ބަލައި އިތުރަށް ރަނގަޅު ކުރަންހުރި ކަންކަން ފާހަގަކޮށް އެކަންކަން ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަން ބުނެދޭނެއެވެ. އަދި ފިހާރަތައް ބަންދުކޮށްފައި ދާއިރު ފިހާރައިގައި ކޮންމެވެސް ވަރަކަށް އަލިކަން ބެހެއްޓުމާއި ފިހާރައިގައި ފައިސާ ނުބެހެއްޓުމަށް އިރުޝާދުދިނުމަށް ހަމަޖެހިފައިވެއެވެ.

އަދި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އަންނަމުންދާ ފޯނު ކޯލުތަކަށް ޖަވާބު ނުދިނުމަށް ނަސޭހަތްތެރިވުމުގެ އިތުރުން އެ ފަދަ ފޯނު ކޯލެއް އަތުވެއްޖެނަމަ އަމަލުކުރާނެ ގޮތްތައް ބުނެދޭނެއެވެ.

މީގެ އިތުރުން ސައި ހޮޓާ އަދި ކެފޭ ފަދަ ތަންތަނުގައި ގިނަ މީހުން އެއްވެ ނުތިބުމާއި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް ނަސޭހަތްތެރިވެ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ކާބޯތަކެތީގެ ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއްދީނުމާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އަންގާ އެންގުންތަކާ އެއްގޮތަށް އަމަލުކުރުމަށް މައުލޫމާތުދޭނެއެވެ.