IMG-32e555a4e911426563d052fec03ccd79-V

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ކުޅުދުއްފުށިން ދެ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.

ކުޅުދުއްފުށީގައި ބަޔަކު މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ މީހަކާއި 38 އަހަރުގެ މީހެކެވެ. މި ދެ މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

މި އެޕްރީލް މަހުގެ 7 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އެ ދެ މީހުން ހައްޔަރުކޮށް އެ މީހުންތިބި ގެ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި އަށް ސެލޯފިންކޮޅު ފެނިފައިވެއެވެ.

މި މައްސަލަ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.