ނޫސްބަޔާން ނަންބަރު: PMC/2020/08

އާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު؛ ޤާނޫނު ނަމްބަރު 2012/7 ގެ 33 ވަނަ މާއްދާގެ ދަށުން 2020 މާރިޗު 12 ވަނަ ދުވަހު ދިވެހިރާއްޖޭގައި އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު މިނިސްޓަރ އޮފް ހެލްތު އިޢުލާން ކުރެއްވުމާ ގުޅިގެން، އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން ރައްޔިތުންނަށް ލިބިދީފައިވާ ހައްޤުތަކާ ގުޅޭގޮތުން ދަންނަވަމެވެ.

ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު؛ ޤާނޫނު ނަމްބަރު 2013/1 ގެ 33 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަމްބަރާއި އެ ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން، ޢާއްމު ސިއްޙަތު ރައްކާތެރިކޮށް ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރުނަނުދިނުދިނުމަށް އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެއްވެސް ސިފައެއްގައި އެއްވެ ނުއުޅުމަށް ޤާނޫނުން ބާރު އަޅައެވެ. އަދި ކޮވިޑް-19 ފަދަ ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔަކުން ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި ގައިދުރުކުރުމަކީ މި ދަނޑިވަޅުގައި ނުހަނު މުހިއްމު ކަމެއްކަމުގައި ހަނދުމަފުޅު އަރުވަމެވެ.

ވީމާ، އާއްމު ސިއްޙަތުގެ ކުއްލި ނުރައްކާ އިޢުލާންކޮށްފައިވާ މި ނާޒުކު ދަނޑިވަޅުގައި އެންމެންގެ ސަލާމަތާއި ރައްކަލަށްޓަކައި، ހުރިހާ ބޭފުޅުންވެސް ޑައިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގެވުމާ އެއްގޮތަށް ޢަމަލުކުރައްވާ ޤާނޫނީ ތަރަހައިގެ ތެރެއިން ޢަމަލުކުރެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސް ކުރަމެވެ.