IMG-27b5c8d14b191b57b46337beb0e0d7b1-V

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލ. މާމެންދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މާމެންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މާލެއިން ފުރައިގެން މާމެންދުއަށް ދަތުރުކުރަމުންދާ ކަނޑު ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެކެވެ. މި ދެ މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

މި ހިނގާ މާރިޗު މަހުގެ 26 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، އެ މީހުން ދަތުރުކުރި ބޯޓު މާމެންދުއަށް އައުމުން އެމީހުންނަށް ފުލުހުން ފެނުމާއެކު، އެމީހުންގެ އަތުގައި އޮތް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި ޖޫސްޕެޓީ ކޮތަޅު ފަޅާލައި އެ ކޮތަޅު ހިފައިގެން މޫދަށް ފުންމާލާފައިވެއެވެ. އެހެންކަމުން ފުލުހުންވަނީ އެ ދެ މީހުން ހައްޔަރުކޮށްފައެވެ. އަދި އެ ދެ މީހުން ބޯޓުގައި ތިބި ސަރަހައްދު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ލ. މާމެންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ މާމެންދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.