police-2124
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ރ.އަނގޮޅިތީމުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނަކާއި 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި މި މާރިޗް 20 ވަނަ ދުވަހުގެރޭ 00:36 ހާއިރު އަނގޮޅިތީމު މަގުމަތިންނެވެ.
މި ދެ މީހުން ހުއްޓުވައި ހަށިގަނޑު ބަލައިފާސްކުރިއިރު މި ދެ މީހުންގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 225 ސެލޯފިންކޮޅު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައވާ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް، ރ.ރަސްގެތީމު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް 13 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
މި މައްސަލަ ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.