ސީޕީ ކަޕް ފުޓްސަލް މުބާރާތުގައި އައިއެސްޑީ ރަނިން އާއި ޑީއީޑީ ކަނބަލުން ވާދަކުރި މެޗުގެ ތެރެއިން --
ސީޕީ ކަޕް ފުޓްސަލް މުބާރާތުގައި އައިއެސްޑީ ރަނިން އާއި ޑީއީޑީ ކަނބަލުން ވާދަކުރި މެޗުގެ ތެރެއިން --

ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށް ކުޅެވޭ އިންޓަރ ޑިޕާޓްމަންޓްގެ ފުޓްސަލް މުބާރާތުގެ އަންހެން ޑިވިޜަންގެ ފައިނަލުން ކުލަބް އައިއެސްޑީ ރަނިން ޖާގަހޯދައިފިއެވެ.

އައިއެސްޑީ ރަނިން ފައިނަލުން ޖާގަހޯދީ މިއަދު ހެނދުނު ކުޅުނު ފުރަތަމަ ސެމީ ފައިނަލް މެޗުގައި ޕޮލްކޯ އާވާދަކުރި މެޗު 3-1 ން ކާމިޔާބުކޮށްގެންނެވެ. މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޕޮލްކޯ އިންނެވެ. މިލަނޑު ކާމިޔާބުކޮށްދިނީ ފާތިމަތު ޒާހިރާއެވެ. އައިއެސްޑީއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ފާތިމަތު ސާތިރާއެވެ. މިމެޗުގައި އައިއެސްޑީން ފުރަތަމަ ފަހަރަށް ލީޑު ނެގީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ފާތިމާތު ތީބާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އައިއެސްޑީއަށް ނަތީޖާ ފުޅާކޮށްދިނީ އައިޝަތު ރަވީނާއެވެ.

މިމެޗުން ލިބުނު މޮޅާއެކު އައިއެސްޑީ ރަނިން މުބާރާތުގެ ފައިނަލުން ޖާގަހޯދިއިރު، ފައިނަލުގައި ކުޅޭ ދެވަނަ ޓީމު ކަނޑައެޅިގެންދާނީ މާދަމާ ކުޅޭ ސެމީ ފައިނަލް ތިން ވަނަ މެޗުންނެވެ. މިމެޗުގައި ވާދަކުރާނީ ފުރަތަމަ ސެމީ ފައިނަލް މެޗުގައި ބަލިވި ޕޮލްކޯއާއި ދެވަނަ ސެމީ ފައިނަލް މެޗުން މޮޅުވި އެސްއޯއާރުސީ ހާޓް ބީޓްއެވެ. ތިންވަނަ ސެމީ ފައިނަލް މެޗު ފަށާނީ މާދަމާ ހެނދުނު 08:15 ގައެވެ.

މިއަދު ކުޅުނު ދެވަނަ ސެމީ ފައިނަލް މެޗު އެސްއޯއާރުސީ ހާޓް ބީޓުން ކާމިޔާބުކުރީ ޕީސީޑީ ގާލްސް އާވާދަކޮށް ފަސޭހަކަމާއެކު 6-0 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި އެސްއޯއާރުސީ އަށް ލަނޑުތައް ޖަހައިދިނީ ސަނިއްޔާ އަބްދުއް ސަމަދު އާއި ރިޝްމާ ޢަބްދުﷲއެވެ. މި ކުޅުންތެރިންވެސް ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ އެސްއޯއާރުސީ ހާޓްބީޓްގެ ސަނިއްޔާ އަބްދުއް ސަމަދުއެވެ.

ސީޕީ ކަޕް ފުޓްސަލް މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ރެއެވެ. އަންހެން ޑިވިޜަންގައި ޖުމްލަ 6 ޓީމަކުން ބައިވެރިވެފައިވެއެވެ.