Raees Office Arutha program

މޯލްޑިވްސް ޕޮލިސް ސަރވިސްގެ  2019 އިން 2024 އަށް އެކުލަވާލައިފައިވާ ސްޓްރެޓީޖިކް ޕްލޭންގެ ”ޕަރޓްނަރޝިޕްސް ފޮރ ކޮމިއުނިޓީ ސޭފްޓީ” ގެ ދަށުން، ސަރުކާރު މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ ”އަރުތަ” ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންނަށް ފަށައިފިއެވެ.

ކުށްމަދު، އަމާން، ރައްކާތެރި މާހައުލެއް ބިނާކޮށް އެކަމަށް ބާރުއަޅާ ރައްޔިތަކު ދިރިއުޅޭ މުޖުތައެއް ޤާއިމުކުރުމަށް ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުން ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި، ޤާނޫނުތަކާއި ޤަވާއިދުތަކަށް މުވައްޒަފުން އަހުލުވެރި ކުރުވުމަށް މަޢުލޫމާތު ދިނުމުގެ އިތުރުން އައުޓްޑޯ ހަރަކާތްތަކެެއް ކުރިއަށް ގެންދިއުމަށްވެސް ހަމަޖެހިފައިވެއެވެ.

އެގޮތުން، މުއާމަލާތު ކުރުމުގެ ހުނަރުތަކާއި މުޖުތަމަޢުގައި ޒިންމާދާރު ބަޔަކަށް ވުމަށް މަސައްކަތްކުރާނެގޮތާއި އިންޓަރނެޓްގެ ޒަރީއާއިން ކުރިމަތިވެދާނެ ނޭދެވޭ ކަންކަމުން ސަލާމަތްވެ ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުގެ މި ޕްރޮގްރާމްގައި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. އޭގެ އިތުރުން، ބެލެނިވެރި ކަމުގެ ހުނަރުތަކާ ގުޅޭގޮތުންވެސް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.

މި ޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތައް މުޠާލިޢާކޮށް މުވައްޒަފުންނާ ގުޅުންހުރި ޤާނޫނު ތަކަށް އަހުލުވެރި ކުރުމަށް ސެޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެކި ގޮތްގޮތުން ކުރިމަތިވާ ނޭދެވޭ ކަންކަމުން ރައްކާތެރިވުމަށް މަސައްކަތްކުރާނެ ގޮތުގެ މަޢުލޫމާތު ދިނުމަށްވެސް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން، މި ޕްރޮގްރާމްގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އައުޓްޑޯ ހަރަކާތްތަކުގައި މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާ ކުރުމަށް ބައްޓަންކޮށްފައިވާ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދުންފެށިގެން މި މަހުގެ 29 އަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ 150 މުވައްޒަފުން ބައިވެރިވެއެވެ.