Ameer Ameen pre School

ހދ. ކުޅުދުއްފުށި އަމީރު އަމީން ޕްރީ ސްކޫލުގެ ބެލެނިވެރިންނާއި މުދައްރިސުންނަށް މަޢުލޫމާތުދިނުމުގެ ޕްރޮގްރާމެއް ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓާއި، ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނާއި، ސައިބަރ ކްރައިމް އިންވެސްޓިގޭޝަން ޔުނިޓް ގުޅިގެން ކުރިއަށް ގެންގޮސްފިއެވެ.

މި ހިނގާ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭ އެ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، ދަރިން ތަރުބިއްޔަތު ކުރުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި ދަރިންނާ ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާއި އިންޓަރނެޓްގެ ޒަރީއާއިން ކުދިންނަށް ކުރިމަތިވާ ނޭދެވޭ ކަންކަމުން އެކުދިން ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

އަދި ދަރިން ތަރުބިއްޔަތު ކުރުމުގައި ދަރިންނަށް ލިބިދޭންޖެހޭ އަސާސީ ހައްޤުތަކަކީ ކޮބައިކަމާއި އެހައްޤުތައް ދިނުމުގައި ތަފާތު ކުރުމެއް ނެތި ދިނުމަށާއި ހެޔޮގޮތުގައި ދިރިއުޅުން އާރާސްތުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ދަރިންނާމެދު ވެވޭ އިހުމާލަކީ ކޮބައިކަމާއި އިހުމާލު ވެއްޖެނަމަ ޤާނޫނީ ގޮތުން އެޅޭ ފިޔަވަޅުތައް ބުނެދީފައިވެއެވެ.

މީގެ އިތުރުން ކުދިން އިންޓަރނެޓް ބޭނުންކުރާއިރު ބެލެނިވެރިން ސަމާލުކަންދޭންވީ ކަންކަމާއި އިންޓަރނެޓް މެދުވެރިކޮށް ހިންގާ އެކިއެކި ކުށްތަކާ ރައްކާތެރި ގޮތުގައި އިންޓަރނެޓް ބޭނުންކުރާނެ ގޮތްތަކާއި އެކުދިންގެ ކިބައިން އެފަދަ ކަމެއް ފެނިއްޖެނަމަ ކުދިން ރައްކާތެރިކުރުމަށް ޢަމަލުކުރަންވީ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމުގައި ބެލެނިވެރިންގެ އިތުރުން އަމީރު އަމީން ސްކޫލުގެ މުދައްރިސުން ބައިވެރިވެފައިވާއިރު މުދައްރިސުންނަށް، ސްކޫލުގައި ދަރިވަރުން ގެންގުޅުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި ދަރިވަރުންނާއި މުދައްރިސުންނާއި ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުމަށް މަޢުލޫމާތު ދީފައިވެއެވެ. އަދި ދަރިވަރުންނަށް އަންނަ ބަދަލުތައް ދެނެގަންނާނެ ގޮތްތަކާއި ނޭދެވޭ ޢަމަލުތަކުން ދަރިވަރުން ދުރުކުރުމަށް މުދައްރިސުންނަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމުގައި އެ ސްކޫލްގެ 138 ބެލެނިވެރިންނާއި 16 މުދައްރިސުން ބައިވެރިވިއެވެ.