HA awarenes session

ހދ. އަތޮޅުގެ ހަތަރު ރަށެއްގެ ސްކޫލް ދަރިވަރުންނާއި ބެލެނިވެރިންނަށް މަޢުލޫމާތުދިނުމުގެ ޕްރޮގްރާމްތަކެއް ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒާއި، ހދ. އަތޮޅު ޕޮލިސް ގުޅިގެން ކުރިއަށް ގެންގޮސްފިއެވެ.

މި ހިނގާ ފެބުރުއަރީ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މިޕްރޮގްރާމްތަކުގައި، ރައްކާތެރިގޮތުގައި އިންޓަރނެޓް ބޭނުންކުރާނެ ގޮތް ދަރިވަރުންނަށް ބުނެދީ ޓީމް ބިލްޑިންގ ހަރަކާތްތަކަކާއި ދިރިއުޅުމުގެ ރީތި އާދަތައް ދަރިވަރުންނަށް ދަސްކޮށްދީފައެވެ.

ބެލެނިވެރިންނަށް ކުރިއަށްގެންދިޔަ ޕްރޮގްރާމްގައި، އެކި ގޮތްގޮތަށް ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި އެފަދަ ކަމެއް ފާހަގަ ކުރެވިއްޖެ ނަމަ އަމަލުކުރަންވީ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި އެފަދަ ކަންކަމުން ކުދިން ސަލާމަތްކުރުމުގައި ބެލެނިވެރިންގެ ދައުރާއި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި އިންޓަރނެޓް މެދުވެރިކޮށް ހިންގާ އެކިއެކި ކުށްތަކާ ގުޅޭގޮތުން މަޢުލޫމާތުދީ ރައްކާތެރި ގޮތުގައި އިންޓަރނެޓް ބޭނުންކުރާނެ ގޮތްތަކާއި ބްލެކް މެއިލް ކުރުން ފަދަ ކަންކަމުން ކުދިން ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި އެފަދަ ކަމެއް ދިމާވެއްޖެނަމަ ޢަމަލު ކުރަންވީ ގޮތްތައް ބުނެދީފައިވެއެވެ.

މީގެ އިތުރުން  މައިންބަފައިން ދަރިންނަށް އަޅާލުމާއި އޯގާތެރިކަން ދިނުމާއި ދަރިންގެ ކަންކަން ބަލަހައްޓަންޖެހޭ އުސޫލުތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ދަރިންނަށް ރީތި އަޚްލާޤު ދަސްކޮށްދީ ނަމޫނާ ބަޔަކަށް ވުމަށް މަޢުލޫމާތު ދީފައިވެއެވެ.

ކުޅުދުއްފުށި، ނޮޅިވަރަންފަރު އަދި ކުރިނބީގެ އިތުރުން މަކުނުދޫގައި މި ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވެއެވެ.