Kulhudhuffushi parents session

ކުށްމަދު އަމާން މުޖުތަމައެއް ބިނާކުރުމާއި ސްކޫލްތަކުގެ ބެލެނިވެރިން ހޭލުންތެރި ކުރުމަށް މަޢުލޫމަތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުޅުދުއްފުށީގައި ކުރިއަށް ގެންގޮސްފިއެވެ.

އަމާންވެށި ޕްރޮގްރާމްގެ ދަށުން، މި ހިނގާ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމުގެ ހުނަރުތަކާއި އިންޓަރނެޓްގެ ޒަރީއާއިން ކުޑަ ކުދިންނަށް ކުރިމަތިވާ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

އެގޮތުން އެކި ގޮތްގޮތަށް ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި އެފަދަ ކަމެއް ފާހަގަ ކުރެއްވިޖެ ނަމަ އަމަލުކުރަންވީ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީައިވެއެވެ. އަދި އެފަދަ ކަންކަމުން ކުދިން ސަލާމަތްކުރުމުގައި ބެލެނިވެރިންގެ ދައުރާއި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

އަދި އިންޓަރނެޓް މެދުވެރިކޮށް ހިންގާ އެކިއެކި ކުށްތަކާ ގުޅޭގޮތުން މަޢުލޫމާތުދީ ރައްކާތެރި ގޮތުގައި އިންޓަރނެޓް ބޭނުންކުރާނެ ގޮތްތަކާއި ބްލެކް މެއިލް ކުރުން ފަދަ ކަންތައްތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި އެފަދަ ކަމެއް ދިމާވެއްޖެނަމަ ޢަމަލު ކުރަންވީ ގޮތްތައް ބުނެދީފައިވެއެވެ.

މީގެ އިތުރުން  މައިންބަފައިން ދަރިންނަށް އަޅާލުމާއި އޯގާތެރިކަން ދިނުމާއި ދަރިންގެ ކަންކަން ބަލަހައްޓަންޖެހޭ އުސޫލުތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ދަރިންނަށް ރީތި އަޚްލާޤު ދަސްކޮށްދިނުމާއި އެކަމުގެ މުހިންމުކަމާއި މައިންބަފައިންނަށް ބައެއް ފަހަރު ދަރިންނާމެދު ވެވޭ އިހުމާލުތަކާއި އެކަންކަމުގެ ސަބަބުން ކުދިންނަށް ކުރާނެ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

އަދި މުދައްރިސުންނަކީ ދަރިވަރުންގެ ދެވަނަ ބެލެނިވެރި ފަރާތަށްވީ ހިނދު ކުދިންގެ މެދުގައި ތަފާތު ނުކުރުމާއި ސްކޫލް މާހައުލަކީ ކުދިންނަށް ރައްކާތެރި އަމާން ތަނެއްގެ ގޮތުގައި ހެދުމަށް ސްކޫލް މުވައްޒަފުން މަސައްކަތް ކުރުމަށް މަޢުލޫމާތު ދީފައިވެއެވެެ.

މި ޕްރޮގްރާމްގައި ބެލެނިވެރިންނާއި ސްކޫލް މުވައްޒަފުން ހިމެނޭގޮތަށް 281 މީހުން ބައިވެރިވެފައިވެއެވެ.