nolhivaranfaru swim

ހދ. ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަނާއި ނޮޅިވަރަންފަރު ސްކޫލު ގުޅިގެން އެ ސުކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމު ނިންމި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ.

މިިކަމަށް ޓަކައި މި ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ހަވީރު ނޮޅިވަރަންފަރު ބީޗް ސަރަހައްދުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ، ނޮޅިވަރަންފަރު ސްކޫލުގެ ޕްރިންސިޕަލް ޢަލީ އަޙްމަދެވެ.

މި ރަސްމިއްޔާތުގައި ޝަރަފްވެރި މެހުމާނު ދެއްކެވި ވާހަކަފުޅުގައި، މިޕްރޮގްރާމުން ދަސްވި ހުނަރެއްގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި، މޫދަށްއެރި އުޅުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި މޫދަށް އެރޭއިރު ބެލެނިވެރިޔަކާއެކުގައި މޫދަށް ދިއުމަށް ދަރިވަރުންނަށް ނަސޭހަތްތެރި ވެފައިވެއެވެ.

މީގެއިތުރުން ނޮޅިވަރަންފަރު ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިޔަކަމީ އުފާކުރާކަމެއް ކަމުގައި ފާހަގަކުރައްވައި އެކަމަށްޓަކައި ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަނުގެ ފުލުހުންނަށް ޝުކުރު އަދާކޮށްފައިވެއެވެ.

މި ޕްރޮގްރާމުގައި، ނޮޅިވަރަންފަރު ސްކޫލުގައި ތަޢުލީމު ހާސިލުކުރާ 74 ދަރިވަރަކު ބައިވެރިވެފައިވެއެވެ.

މި ރަސްމިއްޔާތުގައި، ނޮޅިވަރަންފަރު ސްކޫލުގެ ޕްރިންސިޕަލް ޢަލީ އަޙްމަދާއި، ނޮޅިވަރަންފަރު ފެނަކަ ބްރާންޗުގެ އިސްވެރިންނާއި، ހެލްތު ސެންޓަރުގެ އިސްވެރިންނާއި ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަނުގެ އިސްވެރިން އަދި ނޮޅިވަރަންފަރު ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވެފައިވެއެވެ