އޯގާ ކޭމްޕްގެ ހަރަކާތްތައް ބ. އަތޮޅުގައި ފަށައިފި

ޕޮލިސް ސްޓާފް ސަރޖަންޓް ޙައްވާ ނަސްރާ
Oaga camp B Atoll 1

އާންމު ރައްޔިތުންގެ މެދުގައި ހުރި ދީނީ އަދި އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމަށް، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން ކުރިއަށް ގެންދާ އޯގާ ކޭމްޕްގެ ހަރަކާތްތައް ބ. އަތޮޅުގައި ފަށައިފިއެވެ.

މި ހިނގާ ފެބުރުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް، ބ. އަތޮޅުގައި ކުރިއަށް ގެންދާ މިކޭމްޕްގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

އެގޮތުން އެ އަތޮޅުގައިހުރި ސަރުކާރުގެ މުއައްސަސާތަކާއި ސްކޫލްތަކުގެ ވެރިންނާއި މުވައްޒަފުންގެ އިތުރުން ސްކޫލްތަކުގެ މުދައްރިސުންނާއި ބެލެނިވެރިންނާއި ދަރިވަރުންނާއި ރަށުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާއި އަދި ރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ސެމިނަރތަކާއި ވޯކްޝޮޕްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

އަދި ދީނީ ކައުންސިލިންގ ބޭނުންވާ ފަރާތްތަކަށް ކައުންސިލިން ދިނުމާއި މިސްކިތްތަކުގައި ދީނީ ދަރުސްތައް ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ދީނީ ގޮތުން މަޢުލޫމާތު އޮޅުންފިލުވަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވައިލާފައިވެއެވެ.

މިކޭމްޕްގެ ހަރަކާތްތައް އޭދަފުށި، ހިތާދޫ އަދި ކަމަދޫގެ އިތުރުން ކެންދޫގައިވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

ރަށްރަށުގައިހުރި ދީނީ މައްސަލަތައް ދެނެގަނެ އެކަންކަން ހައްލުކުރުމާއި ރައްޔިތުންނަށް ދީނީ މަޢުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކުރުވުމުގެ އިތުރުން ދީނީ ނަސޭޙަތާއި ދަރުސްތައް ދިނުމަށް ކުރިއަށް ގެންދާ މި ކޭމްޕްގައި މަޢުލޫމާތު ދެއްވަނީ އައްޝައިޚް އަޙްމަދު މަޢުމޫނާއި އައްޝައިޚް ޙަސަން ތަޢުފީޤް ޢަބްދުއްރަޙްމާނެވެ.