Furaavaru camp Kulhudhuffushi 2

ސްކޫލް ދަރިވަރުންގެ އަޚްލާގާއި ސުލޫކު ހެޔޮގޮތުގައި ބައްޓަން ކުރުމާއެކު ކުށްމަދު މުޖްތަމައެއް ބިނާކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސާނަވީ މަރުހަލާގައި ތަޢުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން 'އަމާންވެށި'  ޕްރޮގްރާމްގެ ދަށުން ހދ.ކުޅުދުއްފުށި ޖަލާލުއްދީން ސްކޫލުގައި ކުރިއަށް ގެންދިޔަ ކޭމްޕް ފުރާވަރު ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ.

ޖަލާލުއްދީން ސްކޫލްގައި މިކަމަށްޓަކައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް އަބްދުﷲއެވެ.

މި ރަސްމިއްޔާތުގައި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް އަބްދުﷲ ދެއްކެވި ވާހަކަ ފުޅުގައި، މި ކޭމްޕުން ދަސްވި ހުނަރުތަކާއި ދިރިއުޅުމުގެ ރީތި އަދަބުތަކުގެ ބޭނުން އަމަލީ މައިދާނުގައި އެންމެ ފުރިހަމަ ގޮތުގައި ހިފައި ނަމޫނާ ދެއްކުމަށް ކޭމްޕުގައި ބައިވެރިވި ދަރިވަރުންގެ ކިބައިން އެދިލެއްވިއެވެ.

Furaavaru camp Kulhudhuffushi 3

މިރަސްމިއްޔާތުގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފާއި، ނޯތު ޕޮލިސް ޑިވިޜަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ ފާއިޒާއި، ހދ. އަތޮޅު ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޢައިޝަތު ނިޝާ ޢަބްދުﷲ މުފީދުގެ އިތުރުން ޖަލާލުއްދީން ސްކޫލުގެ އިސްވެރިންނާއި އެ ސްކޫލްގެ ބެލެނިވެރިންނާއި ދަރިވަރުން އަދި ކުޅުދުއްފުށީގައި ހުރި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެފައިވެއެވެ.

Furaavaru camp Kulhudhuffushi 1

މި ފެބްރުއަރީ މަހުގެ 13 ން 15 އަށް ޖަލާލުއްދީން ސްކޫލުގައި ކުރިއަށް ގެންދިޔަ މި ކޭމްޕްގައި ދިރިއުޅުމުގެ ރިވެތި އަދަބުތައް ދަރިވަރުންނަށް ދަސްކޮށްދިނުމާއި ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއަޅައިދޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

އެގޮތުން ކުށުގެ ނުރައްކަލުން ދުރުހެލިވެ ރައްކާތެރި މުޖުތަމަޢެއްގައި ދިރިއުޅުމަށް ދަރިވަރުންގެ އުޅުން ބައްޓަންކުރަންވީ ގޮތާއި ޤައުމީ ލޯބި ލިބިގެންވާ ބައެއްގެ ގޮތުގައި މުޖުތަމަޢަށް ނުކުތުމުން ލިބިގެންދާނެ ފައިދާތައް އޮޅުންފިލުވައިދީފައިވެއެވެ. އަދި އިންޓަރނެޓުގެ ޒަރީއާއިން ކުރިމަތިވާ ކުށްތަކަކީ ކޮބައިކަން ބުނެދީ އެފަދަ ކުށްތަކުން ދުރުހެލިވެ ރައްކާތެރިވެ ތިބުމަށް ދަރިވަރުން މަސައްކަތްކުރަންވީ ގޮތްތައް ބުނެދީފައިވެއެވެ. އަދި  އިސްލާމީ މުޖުތަމަޢެއްގައި ހަރުދަނާ ރަށްވެއްސެއްގެ ގޮތުގައި ދިރިއުޅުން އާރާސްތު ކުރުމަށް ބޭނުންވާ މަޢުލޫމާތު ދިނުމުގެ އިތުރުން މަދަރުސީ ތަޢުލީމުގެ ތެރެއިން ދަރިވަރުންގެ ދިރިއުޅުން ބައްޓަންކުރުމަށް އިސްކަންދޭންވީ ކަންކަމުގެ މައްޗަށްވެސް މަޢުލޫމާތުދީ ހުނަރުތައް ދަސްކޮށްދީފައިވެއެވެ. އަދި ވަގުތަކީ އަގުހުރި އެއްޗެއްކަން ބުނެދީ އަބަދުވެސް ގަޑިން ގަޑިއަށް ކަންކަން ކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

Furaavaru camp Kulhudhuffushi

މީގެ އިތުރުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އަހުލުވެރި ކުރުވައި އަމިއްލަ ސާފުތާހިރުކަމާއި ރައްކާތެރިކަމަށް ކުރެވެންހުރި ކަންކަން ބުނެދީ އާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފަށް ކުރެވޭ ކަންކަމާއި އެފަދަ ކަންކަމުން މުޖުތަމަޢު ރައްކާތެރި ކުރުމުގައި ދަރިވަރުންނަށް ކުރެވޭނެ ކަންކަން ބުނެދީފައިވެއެވެ. އަދި ގަނާކުރުމުގެ ނުރައްކަލާއި ގަނާ ކުރުމުން ލިބޭ ގެއްލުމާއި އެފަދަ ކަންކަމުން އެހެން ފަރާތްތަކަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ މަޢުލޫމާތުވެސް ދަރިވަރުންނަށް ދީފައިވެއެވެ. އަދި  ކަންކަމުގައި އިސްނަގައިގެން ހަރަކާތްތެރިވުމަށް ބާރުއެޅުމާއި ޒިންމާދާރު ބައެއްގެ ގޮތުގައި ދެމިތިބުމަށް ކުރަންޖެހޭ ކަންތައްތަކުގެ މަޢުލޫމާތު ދީފައިވެއެވެ. އަދި ދަރިވަރުންގެ ކިބައިގައި ޤައުމީ ލޯބި އިތުރުކުރުމާއި ޤައުމިއްޔަތު ދެމެހެއްޓުމަށާއި ދީނީ ކަންކަމަށް ސަމާލުކަންދީ ދީނީ އާދަކާދަތަކަށް އަހުލުވެރިކުރުވައި، ޤާނޫނާއި ޤަވާއިދުތަކަށް ބޯލެނބުމަށް ދަރިވަރުންނަށް ދަސްކޮށްދީފައިވެއެވެ.

މި ޕްރޮގްރާމްގެ ތެރެއިން އެ ސްކޫލްގެ ބެލެނިވެރިންނަށްވެސް މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުންގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓާއި ކުޅުދުއްފުށި ޕޮލިސް އަދި ޖަލާލުއްދީން ސްކޫލް ގުޅިގެން ކުރިއަށް ގެންދިޔަ މި ކޭމްޕްގައި  93 ދަރިވަރުން ބައިވެރިވެ ކޭމްޕް ފުރިހަމަ ކޮށްފައިވެއެވެ.