އިނގުރައިދޫން މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

ޕޮލިސް ލާންސްކޯޕްރަލް އައިމިނަތު އަފްސާނާ
police 7

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރ. އިނގުރައިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، އިނގުރައިދޫން މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ފިރިހިނެކާއި 40 އަހަރުގެ ފިރިހެނެކެވެ. މި ދެ މީހުންނަކީވެސް ދިވެހިންނެވެ.

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އިނގުރައިދޫގައި މަސްތުވާތަކެތީގެ ބޭނުންކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ.

މި އޮޕަރޭޝަންގައި މި ދެ މީހުން ހައްޔަރުކޮށް އެމީހުން ދިރިއުޅޭ ގެ، އެ ގޭގެ ވެރިފަރާތުގެ ހުއެްދައާއެކު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ  ބަންދާމެދު ގޮތެއް ނިންމުމަށް ރ. އިނގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 34 އަހަރުގެ މީހާއަށް ދެ ދުވަހުގެ މުއްދަތު ދީފައިވާއިރު 40 އަހަރުގެ މީހާ ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ އިނގުރައިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.