Iskandharu traffic

ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފުލުހުން ކުރިއަށް ގެންދާ ހަަރަކާތްތަކުގެ ތެރެއިން، ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ކުރިއަށް ގެންދާ ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް އަމީނިއްޔާ ސްކޫލާއި، އިސްކަންދަރު ސްކޫލާއި، އަރަބިއްޔާ ސްކޫލްގެ އިތުރުން ހުޅުމާލެ ރެހެންދި ސްކޫލްގައި ކުރިއަށް ގެންގޮސްފިއެވެ.

މިޕްރޮގްރާމްގައި އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާ ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދީފައިވެއެވެ. އަދި ދަރިވަރުންގެ އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ކްލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ޓްރެފިކް ބެލެއްޓުމާ ގުޅޭގޮތުން މަގުމަތީގައި ދަރިވަރުންނަށް އަމަލީ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

Rehendhi traffic

މީގެ އިތުރުން ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ދަރިވަރުން މަގުމަތީގައި ހަރަކާތްތެރިވާއިރު އާންމުންނާ މުޢާމަލާތު ކުރުމުގައި ވާހަކަ ދެއްކުމުގެ ރީތި އަދަބުތައް ބޭނުންކުރުމަށް މަޢުލޫމާތުދިނުމުގެ އިތުރުން ދިވެހިބަހުގެ ހަމަތަކާއި އުސޫލުތައް ހިމެނޭގޮތަށް މުއާމަލާތު ކުރުމުގެ ހުނަރުތައް ދަސްކޮށްދީފައިވެއެވެ.

Arabiyyaa traffic

މި ހިނގާ ފެބްރުއަރީ މަހުގެ 9 ން 13 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އަމީނިއްޔާ ސްކޫލާއި، އިސްކަންދަރު ސްކޫލާއި، އަރަބިއްޔާ ސްކޫލާއި، ހުޅުމާލެ ރެހެންދި ސްކޫލުން ކޮންމެ ސްކޫލަކުން 35 ދަރިިވަރުން ބައިވެރިވެފައިވެއެވެ

Ameeniyya traffic

ޓްރެފިކް މޮނިޓަރސް ޕްރޮގްރާމަކީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ސްކޫލްތައް ހިމެނޭ ސަރަޙައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި ސްކޫލްތަކުގެ ދަރިވަރުންގެ ބައިވެރިވުން އިތުރުކުރުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމާއި ޓްރެފިކް މައްސަލަތައް ހައްލުކުރުމުގެ ރޫހު އަށަގެންފައިވާ ދަރިވަރުންތަކެއް އުފެއްދުމަށް ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ.