AFP CP and MPS CP

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު، ކޮމިޝަނަރ އޮފް އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް، ރީސް ޕީ. ކަރޝޯގެ ދަޢުވަތަކަށް އޮސްޓްރޭލިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ މަނިކުފާނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުމުގައި، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް އާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް ދެެ މުއައްސަސާ އެކުގައި މަސައްކަތް ކުރެވޭނެ ދާއިރާތައް ދެނެގަނެ އެ ދާއިރާތަކުން އެއްބާރުލުމާއި އެހީތެރިކަން ދިނުމާގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މިގޮތުން، އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ އެހީތެރިކަމާއެކު ދިވެހި ފުލުހުން ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިންނާއި، ފައިނޭންޝަލް ކްރައިމްގެ ދާއިރާއިންނާއި، ސައިބަރ ކްރައިމް އަދި ތަޙްޤީޤު ކުރުމުގެ ތަފާތު ދާއިރާތަކުން ތަމްރީނުކޮށް ދިވެހި ފުލުހުންގެ ޤާބިލުކަން އިތުރު ކުރެވޭނެ ގޮތްތަކާމެދު ވަނީ މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން، ފުލުހުންގެ އިސް އޮފިސަރުންނަށް މެނޭޖްމަންޓް އާއި ލީޑަރޝިޕް ޓްރެއިނިންގ ދިނުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

މި ފެބްރުއަރީ މަހުގެ އަށަކުން 14 އަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުވަނީ އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ އެކިއެކި ކޮމާންޑްތައް ބަލަހައްޓަވައި ބައެއް އެގްޒެކެޓިވް އޮފިސަރުންނާއި ނިއު ސައުތު ވޭލްސް ޕޮލިސް ފޯސްގެ ބައެއް އިސް ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ.

އެގޮތުން، އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ހެޑް އޮފް ކައުންޓަރ ޓެރަރިޒަމް އެންޑް ސްޕެޝަލް އިންވެސްޓިގޭޝަންސް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ސްކޮޓް ލީ އާއި އަދި ހެޑް އޮފް ކްރައިމް ކޮމާންޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޕީޓަރ ކްރޯޒިއަރ އާ މިއަދު ބައްދަލު ކުރައްވައި ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިންނާއި، ފައިނޭންޝަލް ކްރައިމްގެ ދާއިރާއިންނާއި، ސައިބަރ ކްރައިމްގެ ދާއިރާއިންނާއި، ނާކޮޓިކްސް އަދި ތަޙްޤީޤު ކުރުމުގެ އެކި ދާއިރާތަކުން ދިވެހި ފުލުހުން ތަމްރީނުކޮށް އަދި ފުލުހުންގެ ޤާބިލުކަން އިތުރު ކުރުމާމެދު މަޝްވަރާ ކުރައްވާފައިވެއެވެ.

އޭގެ އިތުރުން، އޮސްޓްރޭލިއަން ސެންޓަރ ޓު ކައުންޓަރ ޗައިލްޑް އެކްސްޕްލޮއިޓޭޝަން އެންޑް ކްރައިމްސް އަގެއިންސްޓް ޗިލްޑްރެން ގެ ހެޑް، މިސިޒް މަރީނާ ސިމޮންކީނީ އާ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ބައްދަލުކުރައްވައި، ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާތަކުގެ މައްސަލަތައް ތަޙްޤީޤު ކުރާގޮތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. އަދި ދިވެހި ފުލުހުން މިހާރު މަސައްކަތް ކުރަމުންދާ ގޮތް ރިވިއުކޮށް މައްސަލަތައް ތަޙްޤީޤު ކުރުމުގައި ދިވެހި ފުލުހުންގެ ޤާބިލުކަން އިތުރުކުރުމަށް ކުރެވޭނެ ކަންކަމާމެދު މަޝްވަރާ ކުރައްވާފައިވެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ މި ދަތުރު ފުޅުގައި މިއަދު ވަނީ އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ޕޮލިސް މެނޭޖްމަންޓްގެ އެގްޒެކެޓިވް އޮފިސަރުންނާ ބައްދަލު ކުރައްވައި ފުލުހުންގެ މެނޭޖްމަންޓް އަދި ލީޑަރޝިޕް ރޭންކްތަކުގެ ފުލުހުންނަށް އެ އިންސްޓިޓިއުޓްގެ ފަރާތުން ހިންގާ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުން ފުރުޞަތު ހޯދުމަށް މަޝްވަރާ ކުރައްވާފައިވެއެވެ.

އަދި ހަމަ އެހެންމެ، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވަނީ ނިއު ސައުތު ވޭލްސް ޕޮލިސް ފޯރސް ގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޑޭވިޑް ހަޑްސަންއާވެސް ބައްދަލު ކުރައްވާފައެވެ. އަދި ނިއު ސައުތު ވޭލްސް ޕޮލިސްގެ މެރިން އޭރިއާ ކޮމާންޑަށް ޒިޔާރަތްކުރައްވައި އެ ދާއިރާއިން ދިވެހި ފުލުހުން ތަމްރީނު ކުރުމާގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

އަދި ހެޑް އޮފް އިންޓަރނޭޝަނަލް ކޮމިޝަން، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ބްރޫސް ހިލް އާ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ބައްދަލުކުރައްވައި މި ދެ މުއައްސަސާގެ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

މި ދަތުރުފުޅުގައި، އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ އިންޓެލިޖެންސް އެންޑް ފޮރެންސިކްސް އޮޕަރޭޝަންސް، ކޭ ނައިން އަދި ސްޕެޝަލިސްޓް ރެސްޕޯންސް ގްރޫޕަށް ޒިޔާރަތްކުރައްވައި އެ ދާއިރާތަކުން ދިވެހި ފުލުހުން އިތުރަށް ތަމްރީނުކޮށް ތަޖުރިބާ ހޯދުމާގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ.