police 20

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ށ. ފުނަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ފުނަދޫން ހައްޔަރުކޮށްފިއެެވެ.

ފުނަދޫގައި މީހަކު މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ހިނގާ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ކަރުދާސްކޮޅު ފެނިފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ށ. ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

ފުނަދޫ ޕޮލިސް ސްޓޭޝަނުން މި މައްސަލަދަނީ ތަހުގީގު ކުރަމުންނެވެ.