ނޫސްބަޔާން ނަންބަރު:PMC/2020/02

ދިވެހިރާއްޖޭގެ ދެކުނުގެ ރަށެއްގައި ތުއްތު ކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލައެއް ފެންމަތިވުމާއި ގުޅިގެން ދިވެހިރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ އަދި ޖިސްމާނީ އަނިޔާ ދިނުމުގެ މައްސަލަތަކާއި މެދު އާންމު ރައްޔިތުންގެ ކަންބޮޑުވުން އިތުރުވެ މިފަދަ މައްސަލަތަކާއި ގުޅިގެން ފިޔަވަޅު އެޅުމުގައި ދައުލަތުގެ ކަމާބެހޭ ފަރާތްތަކާއި އާންމު ފަރުދުންވެސް ޒިންމާދާރުކުރުމަށް ބާރުއަޅައި ކުޑަކުދިންގެ ހައްޤުތަކާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮވާލާ ރައްޔިތުން، ޚާއްސަކޮށް ޒުވާނުން ހިންގާ ހަރަކާތްތަކަށް މިސަރވިސްއިން މަރުހަބާކިޔައި ހިއްވަރުދެމެވެ. އަދި މިހަރަކާތްތަކުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވެ އެފަދަ މައްސަލަތައް ރިޕޯޓުކުރުމާއި ފަސް ޖެހުމެއް ނެތި އެފަދަ މައްސަލަތަކާއި ގުޅޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ހިއްސާކުރުމުގެ ރޫހެއް އުފެދިފައިވުމަކީ މުޖުތަމަޢުގެ ތެރޭގައި އުޅޭ މިފަދަ ޢަމަލުތައް ކުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްޤު އަދަބު ދިނުމަށް މަގުފަހިވާނެކަމެއްކަމުގައި ދެކެމެވެ.

ނަމަވެސް ހެޔޮ ނިޔަތުގައި އާންމު ރައްޔިތުން، ޚާއްސަކޮށް ޒުވާނުން ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށާއި މުއައްސަސާތައް ޒިންމާދާރުކުރުމަށް އިންތިޒާމްކުރާ އެއްވުންތަކުގައި ބައެއް ފަރާތްތަކުން ޤާނޫނާއި ޚިލާފް ޢަމަލުތައް ހިންގައި ކުޑަކުދިންނާއި އެނޫންވެސް ޚާއްސަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކުގެ ހައްޤުތަކަށް އުނިކަން ލިބި ބިރުވެރިކަން އުފެދޭފަދަ ޢަމަލުތައް ތަކުރާރު ކުރަމުންދާކަން ދަނީ ފާހަގަކުރެވެމުންނެވެ. މިގޮތުން މީހުން ދިރުއުޅޭ ތަންތަނާއި ހޮސްޕިޓަލު ފަދަ ތަންތަނަށް އެއްވެ އަޑުގަދަކޮށް ހަޅޭއްލަވާ މުދަލާއި ތަކެއްޗަށް ގެއްލުންދީ ޤާނޫނީ ހަމަތަކާއި އުސޫލުތަކުގެ ބޭރުން މީހުންނަށް އަނިޔާކޮށް ހެދުމުގެ މައްސަލަތައް ކުރިމަތިވަމުންދާކަން މިސަރވިސްއިން ހިތާމައާއިއެކު ފަހާގަކުރަމެވެ. މިފަދަ ޢަމަލުތަކަކީ ޚިޔާލު ފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ދާއިރާތަކުން ބޭރު އަދި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށް އެއްވެ އަޑުއުފުލުމުގެ މަޤްޞަދާއިވެސް ޚިލާފް ކަމަކަށްވުމުން އާންމުންނާއި ދައުލަތުގެ މުދަލާއި ތަކެއްޗަށް ގެއްލުންދީ، ބޭއިންސާފުން ނުވަތަ ޤާނޫނީ ހަމަތަކުން ބޭރުން އެއްވެސް ފަރާތަކަށް އަނިޔާކޮށް ގޯނާކޮށް ނުހެދުމަށް މިސަރވިސްއިން އިލްތިމާސްކުރަމެވެ. އަދި ބައެއް މީޑިޔާތަކުންވެސް މިފަދަ ކަންކަމާއި ގުޅޭގޮތުން ޚަބަރު ފެތުރުމުގައި މިފަދަ

މައްސަލަތަކުގެ ތުހުމަތުކުރެވޭ ފަރާތްތަކަށް އަނިޔާކޮށް ގޯނާކުރުމަށް ހިއްވަރުދީ އަދި އެއީ އެފަދަ ފަރާތްތަކާއި މެދު ކަންކަން ކުރަންޖެހޭ ގޮތްކަމަށް ދެއްކުމަށް މަސައްކަތްކުރާކަން ފާހަގަކުރެވެއެވެ.
ކޮންމެ ފަރުދަކާއި މެދުވެސް ޤާނޫނުގައިވާ ގޮތުގެމަތިން ޢަމަލުކޮށް އިންސާނީ ޙައްޤުތަކާއި ކަރާމާތް ރައްކާތެރިކުރުމަކީ މިސަރވިސްގެ މަސްޢޫލިއްޔަތަކަށްވީހިނދު ކުށުގެ ތުހުމަތު އުފުލޭ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމުގައިވެސް ޤާނޫނުގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި އަދި ކަނޑައެޅިފައިވާ އިޖުރާއަތުތަކާއި އެއްގޮތަށް ކަންކަން ކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލް އަޤުވާމީ މުޢާހަދާތަކުންވެސް ދައުލަތުގެ މައްޗަށް ލާޒިމްކުރާ ކަމަކަށްވީހިނދު މިފަދަ މައްސަލަތައް ބަލާ ތަޙްޤީޤްްކޮށް ކުށް ކުރާ ފަރާތްތަކާއި މެދު ޤާނޫނާއި އެއްގޮތަށް ފިޔަވަޅު އެޅުމުގެ ފުރުޞަތު މިސަރވިސްއަށް ފަހިކޮށްދިނުމުގައި ހުރިހާ ފަރާތްތަކުންވެސް ފަރުދީ ޒިންމާ އަދާކުރުމަށް މިސަރވިސްއިން އެދެމެވެ.

ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކޮށްދީ އެކުދިންނަށް އަމާން ވެއްޓެއް ކަށަވަރުކުރުމުގައި ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރުމުގައި މިސަރވިސްއިން އަބަދުވެސް ދެމިތިބޭނެކަމުގައި ދަންނަވަމެވެ. އަދި ކުޑަކުދިންގެ ހައްޤުތަކާއި ރައްކާތެރިކަމާއި ގުޅޭ ގޮތުން އަޑުއުފުލާ، މުއައްސަސާތައް ޒިންމާދާރުކުރުމަށް ގޮވާލާ ފަރާތްތަކުން ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނީ އުސޫލުތަކާއި އެއްގޮތަށް ހިންގާ ހަރަކާތްތަކަށް މިސަރވިސްގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަންވެސް ފާހަގަކުރަމެވެ. އަދި މިފަދަ ފުރުޞަތުތަކުގެ ބޭނުން ނަހަމަގޮތުގައި ހިފައި ރައްޔިތުންނާއި ދައުލަތުގެ މުދަލަށް ގެއްލުންދީ އަނިޔާވެރި ޢަމަލުތައް ހިންގާ ފަރާތްތަކާއިމެދު ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމުގައި ދަންނަވަމެވެ.