ނޫސްބަޔާން ނަންބަރު:PMC/2019/23

ހަރުކަށި ފިކުރާ ދެކޮޅަށް ކުރިއަށްގެންދާ އޮޕަރޭޝަން “އައްސޭރި” އާ ގުޅޭގޮތުން ދަންނަވަމެވެ.

2019 ޑިސެމްބަރ 18 ވަނަ ދުވަހު ރ.މަޑުއްވަރީގައި ފުލުހުން ފެށި އޮޕަރޭޝަންގައި 2019 ޑިސެމްބަރ 20 ވަނަ ދުވަހާއި ހަމައަށް މިހާތަނަށް 7 ގެއަކާއި 1 ދޯނި ބަލައިފާސްކޮށްފައިވެއެވެ. އަދި ހަރުކަށި ފިކުރު ފުޅާ ދާއިރާއެއްގައި ފަތުރަމުންދާކަމުގެ ތުހުމަތުގައި 2019 ޑިސެމްބަރ 18 ވަނަ ދުވަހު 3 ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. މި ތިން މީހުންނަކީ 30 އަހަރާއި 34 އަހަރާއި އަދި 29 އަހަރުގެ ދިވެހި ފިރިހެނުންނެވެ. މި ތިން މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ކޯޓުން ވަނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒް ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އެ ތިން މީހުންނަށްވެސް 10 ދުވަހުގެ މުއްދަތު ދީފައެވެ. މީގެ އިތުރުން، އެމީހުން ދިރިއުޅޭ ތަންތަނުން ގިނަ ޢަދަދެއްގެ އިލެކްޓްރޯނިކް އާލާތްތަކާއި އަދި ސައްޙަ ނޫންކަމަށް ބެލެވޭ ކައިވެނީގެ ސެޓްފިކެޓެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ކުޑަކުދިންނަށް ވެކްސިން ދިނުމަށް އިންކާރު ކުރި އާއިލާއެއްގެ މީހުން 2019 ޑިސެމްބަރ 19 ވަނަ ދުވަހުގައި އެއްބަސްވުމުން، އެ އާއިލާގައި ހިމެނޭ 3 ކުޑަކުދިންނަން ވަނީ ވެކްސިން ދީފައެވެ.

ކުޑަކުދިން ކިޔަވަން ފޮނުވުމާއި ވެކްސިން ދިނުމަށް އިންކާރު ކުރި އާއިލާއަކަށް، ފުލުހުންގެ ހާޒިރުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ތަކުރާރުކޮށް ނަސޭހަތް ދިނުމުން ނަސޭޙަތް ޤަބޫލުނުކޮށް އެކަންކަމަށް އިންކާރުކުރި ޢާއިލާއަކަށް ނިސްބަތްވާ ކުޑަ އަންހެން ކުއްޖަކު ވަނީ 2019 ޑިސެމްބަރ 20 ވަނަ ދުވަހު ފުލުހުންގެ އެހީތެރިކަމާއިއެކު އެކުއްޖާގެ މައިންބަފައިންގެ އަތުން ކުއްޖާ ނެގުމަށްފަހު ކުއްޖާގެ ބޮޑުދައިތައަށް ޙަވާލުކޮށްފައެވެ. އަދި 2019 ޑިސެމްބަރ 20 ވަނަ ދުވަހު އިތުރު 2 ގެ ބަލައިފާސްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ އިތުރުން، މި ތަޙްޤީޤު ފެށިފައިވާތީ، ތަޙްޤީޤުގެ ބޭނުމަށް މީހުން ހާޒިރުކޮށް ސުވާލު ކުރުމުގެ މަސައްކަތްވެސް ފެށިގެން ކުރިއަށްދާކަން ދަންނަވަމެވެ.

މި ފުރުޞަތުގައި، ރ.މަޑުއްވަރީގެ ރައްޔިތުންނާއި އެރަށުގެ ކައުންސިލާ އަދި ކައިރި ރަށްރަށުން ފުލުހުންނަށް ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.