Raa Atoll

ކުށްމަދު އަމާންވެއްޓެއް ޤާއިމުކުރުމަށާއި، ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރ. އަތޮޅުގައި ފުލުހުން ޤާއިމުވެފައި ނެތް ދެ ރަށެއްގެ ރައްޔިތުންނާ ބައްދަލުކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

މި ޖަނަވަރީ މަހުގެ 29 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ރ. އަނގޮޅިތީމާއި ރަސްގެތީމަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލުކޮށް މަޢުލޫމާތު ދީފައިވެއެވެ.

އެގޮތުން މި ދެރަށުގައި ވަކިވަކިން ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގައި، ވިޔަފާރި ހިންގާ ތަންތަނަށް ޒިޔާރަތްކޮށް އެތަންތަނުގެ ސެކިއުރިޓީ ކަންކަން މިހާރަށްވުރެ ހަރުދަނާކުރުމަށާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާއި ވިޔަފާރިވެރިން ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް އޮޅުންފިލުވައި ވައްކަމުގެ މައްސަލަތައް މަދުކުރުމަށް ކުރެވިދާނެ ކަންކަމުގެ މަޢުލޫމާތު ދީފައިވެއެވެ. އަދި ފިހާރަތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ ގޮތުން ފިހާރަތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް އިރުޝާދު ދީފައިވެއެވެ.

މީގެއިތުރުން މި ދެ ރަށުގެ ރައްޔިތުންނާއި ރަށު ކައުންސިލާ ވަކިވަކިން ބައްދަލުކޮށް ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި ކުށްމަދު ކުރުމަށް ދެ ފަރާތް  ގުޅިގެން ކުރެވިދާނެ ކަންކަމާގުޅޭ ގޮތުން މަޝްވަރާކޮށް މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން ރަށުތެރޭގައި އާންމުވަމުންދާ ކުށްތައް މަދުކުރުމަށް ރައްޔިތުންނާއި ކައުންސިލް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި، ބެލެނިވެރިން ދަރިންނަށް ނަމޫނާ ބަޔަކަށް ވުމަށް މަސައްކަތްކުރުމަށާއި، ޖިންސީ ގޯނާތަކުން ދަރިން ރައްކާތެރިކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ނަޞޭހަތްތެރިވެފައިވެއެވެ. އަދި ކުއްލިއަކަށް ކަމެއް ދިމާވެއްޖެ ހާލަތެއްގައި ފުލުހުންގެ އެހީތެރިކަމަށް ބޭނުންވެއްޖެނަމަ އަމަލުކުރަންވީ ގޮތުގެ މަޢުލޫމާތު ދީފައިވެއެވެ. އަދި ފުލުހުންނާ ގުޅޭނެ ނަންބަރުތައް ރައްޔިތުންނާއި ކައުންސިލާ ހިއްސާކޮށްފައިވެއެވެ.