Naifaru house visit

ފުލުހުންނާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމާއި އާންމު ރައްޔިތުން ހޭލުންތެރިކޮށް މަޢުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން، އެރަށު ރައްޔިތުންނާ ބައްދަލުކޮށް މަޢުލޫމާތުދީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

މި ހިނގާ ޖަނަވަރީ މަހުގެ 29 ވަނަ ދުވަހުން ފެށިގެން ސިލްސިލާކޮށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ރަށުގެ ރައްޔިތުން ހޭލުންތެރިކުރުމާއި ފުލުހުން ދެމުންދާ ޚިދުމަތް އިތުރަށް ރަނގަޅު ކުރުމަށް ރައްޔިތުންގެ ޚިޔާލު ހޯދައި މަޝްވަރާކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ގޭގެއަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވައި ރައްޔިތުން ސަމާލުކަންދޭންވީ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން ވައްކަމުގެ މައްސަލަތައް މަދުކުރުމަށް މިހާރަށްވުރެ ސަމާލުކަންދޭންވީ ކަންކަމާއި އާންމު އިޖްތިމާއީ މިންގަނޑުތަކާ ޚިލާފު އަމަލުތައް ހިންގާ ފަރާތްތަކަށް އެފަދަ ފުރުސަތުތައް ނުދިނުމަށާއި ކުށުގެ ވެށިން ކުޑަކުދިން ރައްކާތެރި ކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ގޯތިގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމުގެ މަޢުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން ފުލުހުންގެ ފަރާތުން ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުވައި ފުލުހުން ދެމުންދާ ޚިދުމަތްތައް އިތުރަށް ރަނގަޅު ކުރުމަށް ރައްޔިތުންގެ ޚިޔާލު ހޯދައި މަޝްވަރާ ކޮށްފައިވެއެވެ.