noonu

ކުށްމަދު އަމާން މާހައުލެއް ގާއިމު ކުރުމަށާއި ރައްޔިތުން ހޭލުންތެރިކުރުމަށް މަޢުލޫމާތު ދިނުމާ އަދި ފުލުހުންނާއި އާންމު ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނ. ލަންދޫ ޕޮލިސް ސްޓޭޝަނުން، މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް މާޅެންދޫގައި ކުރިއަށް ގެންގޮސްފިއެވެ.

މި ހިނގާ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހު ލަންދޫ ޕޮލިސް ސްޓޭޝަނުން މާޅެންދުއަށް މިކުރި ޒިޔާރަތުގެ ތެރެއިން އެ ރަށުގެ ގޭގެއަށް ޒިޔާރަތްކޮށް، ފުލުހުންގެ ފަރާތުން ރައްޔިތުން ބޭނުންވާ ކަންކަން އޮޅުން ފިލުވައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވާފައިވެއެވެ. އަދި ރަށުގައި ހިނގާ ކުށްތަކުން ސަލާމަތްވުމާއި ރައްޔިތުންގެ މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންވީ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެެ. އަދި ކުށުގެވެށިން ސަލާމަތްވެ ދުރުހެލިވެ ތިބުމަށާއި މުދަލާއި ގޯތިގެދޮރުގެ ސަލާމަތަށް ރައްކާތެރިވެ ތިބުމަށް ނަޞޭޙަތްތެރިވެފައިވެއެވެ.

މީގެ އިތުރުން މާޅެންދޫ ކައުންސިލާ ބައްދަލުކޮށް ރަށުގެ އާއްމު ހާލަތާ ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުވާފައިވެއެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި ރަށުގައި ދިމާވާ ޓްރެފިކް މައްސަލަތައް ހައްލުކުރުމާއި ކުށްމަދުކޮށް ރައްޔިތުން ހޭލުންތެރިކުރުމަށް ފުލުހުންނާއި ކައުންސިލު ގުޅިގެން ހިންގިދާނެ ޕްރޮގްރާމުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.