Kanditheemu

ކުށްމަދު އަމާން މާހައުލެއް ގާއިމު ކުރުމަށާއި ރައްޔިތުން ހޭލުންތެރިކުރުމަށް މަޢުލޫމާތު ދިނުމާ އަދި ފުލުހުންނާއި އާންމު ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ށ. ކަނޑިތީމު ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެރަށު ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ.

މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި، ރަށުތެރޭގައި ހިނގާ ނޭދެވޭ ކަންކަން ހުއްޓުވުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރެވިދާނެ ކަންކަމާއި ނޭނގި ކުރެވޭ ކުދިކުދި ކުށްތަކުން ދުރުހެލިވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ ފަރާތްތަކާ މެދު ސަމާލުވެ އެކަމުން ރައްކާތެރިވެތިބުމާއި ވައްކަމާއި ފޭރުން ފަދަ ކުށްތައް ކުރަމުން އަންނަ ފަރާތްތަކަށް ފުރުސަތު ނުދީ ހޭލުންތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި މިފަދަ އެއްވެސް ކަމެއް އެއްވެސް މީހެއްގެ ފަރާތުން ފެނިއްޖެނަމަ އަމަލުކުރާނެ ގޮތްތަކާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.

މި ޕްރޮގްރާމްގެ ތެރެއިން ކަނޑިތީމުގެ ހުރިހާ ގެއަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

Kanditheemu 1

މީގެ އިތުރުން ކަނޑިތީމު ޕޮލިސް ސްޓޭޝަނާއި އެ ރަށު ސިއްހީމަރުކަޒު ގުޅިގެން ރައްޔިތުންނަށް އަމާޒުކޮށްގެން މޫދު ކަސްރަތު ޕްރޮގްރާމެއް، މި މަހުގެ 19 ވަނަ ދުވަހު ފަށައިފިއެވެ. މި ޕްރޮގްރާމްގައި، މޫދު ކަސްރަތުގެ ހަރަކާތްތަކުގެ އިތުރުން ދުޅަހެޔޮ ސިއްހަތެއްގައި ދެމި ތިބުމަށް ހަށިގަނޑަށް ފައިދާހުރި ރަނގަޅު ކާނާ ބޭނުންކުރުމާއި ކަސްރަތު ކުރުމުގެ މުހިންމުކާމާ ގުޅޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.

މި ޕްރޮގްރާމްގައި 58 ފަރާތަކުން ބައިވެރިވެފައިވެއެވެ.