IMG_2684

ޓެކްސީ ހިދުމަތަަށް އަލަށް ނުކުންނަ ފަރާތްތަކަށާއި ޕްރައިވެޓް ހަޔަރގެ ގޮތުގައި ޓެކްސީ ޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގި ތަމްރީނު ޕްރޮގްރާމު ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ.

ރޭ އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މާލެ ސިޓީ ޕޮލިސްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝުހާދުއެވެ.  ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ބައްސަވާ ދެއްވީ މާލެ ސިޓީ ޕޮލިސްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝުހާދު އާއި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރުއެވެ. މިރަސްމިއްޔާތުގައި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ވެރިންނާއި އެޑިޕާޓްމަންޓްގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެލެއްވިއެވެ.

IMG_2727

ޖެނުއަރީ މަހުގެ 13 ން 18 އަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުންނާއި މަގުމަތި ތަރުތީބުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާއި ޓެކްސީ ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީ ގޮތްތަކާ ގުޅޭގޮތުން މަޢޫލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމުން 243 ފަރާތުން ބައިވެރިވީނަމަވެސް ޕްރޮގްރާމް ފުރިހަމަކޮށް، ހަނދާނީ ލިޔުން ހާސިލްކޮށްފައިވަނީ 180 ފަރާތެކެވެ.

IMG_2781

މިއީ ޓެކްސީ ޑްރައިވަރުންނަށާއި ޕްރައިވެޓް ހަޔަރގެ ގޮތުގައި ޓެކްސީ ކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން މިއަހަރު ހިންގި ފުރަތަމަ ތަމްރީނު ޕްރޮގްރާމެވެ.  މިއަހަރުގެ ދެވަނަ ޕްރޮގްރާމް އޭޕްރީލް މަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ޓެކްސީ ޑްރައިވަރުންނަށާއި ޕްރައިވެޓް ހަޔަރގެ ގޮތުގައި ޓެކްސީ ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން މިދިޔަ އަހަރު ފަސް ޕްރޮގްރާމެއް ހިންގާފައިވެއެވެ.