މަހިބަދުއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މަރިޔަމް އަޒްލިފާ
police 21

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަހިބަދުއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނެކެވެ.  އެ މީހާ ހައްޔަރުކޮށްފައިވަނީ މާލެއިން ފުރައިގެން މަހިބަދުއަށް  ދަތުރުކުރަމުންދާ ބޯޓަކުން މަސްތުވާ ތަކެތި ގެންނަކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.

މި ހިނގާ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހުގެރޭ 23:45 އެހައިކަންހާއިރު ހިންގި  މި އޮޕަރޭޝަނުގައި، މަހިބަދޫ ބަނދަރު ސަރަހައްދުން އެމީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައި ފާސްކުރިއިރު، އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 15 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލަ މަހިބަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.