police 17

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި، ނ. މަނަދޫ އަދި ލަންދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ނ. މާފަރުން މީހަކު ހައްޔަރުކޮށްފިއެވެ.

މާލެއިން ފުރައިގެން ނ. އަތޮޅަށް ދަތުރުކުރަމުންދާ ލޯންޗަކުން މާފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު  މައުލޫމާތާއި ގުޅިގެން މި ޖަނަވަރީ 15 ވަނަ ދުވަހު 11:45 އެހައިކަންހާއިރު، ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ ލޯންޗު މާފަރު ބަނދަރާ ގާތްކުރި ވަގުތު އޭނާއަށް ފުލުހުން ފެނުމުން އަތުގައި އޮތް އެއްޗެއް މޫދަށް އެއްލައިލުމުން ފުލުހުން އެ ނަގައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ގެ މުއްދަތު ދީފައިވެއެވެ.

މަނަދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.