
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރ. މީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ރިސޯޓަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެމީހާ ހައްޔަރުކޮށްފައިވަނީ ރ. މީދޫން އެ އަތޮޅު ރިސޯޓަކަށް ދަތުރުކުރާ ސަޕްލައި ދޯންޏަކުން އެ ރިސޯޓަށް މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، މި ޖަނަވަރީމަހުގެ 11 ވަނަ ދުވަހުގެ 07:45 އެހައިކަންހާއިރު ހިންގި އޮޕަރޭޝަންނުގައެވެ. މިއޮޕަރޭޝަންގައި، އެރިސޯޓު ބަނދަރު ސަރަހައްދުން އެމީހާ ހުއްޓުވައި ބަލައި ފާސްކުރިއިރު އަތުގައި އޮތް ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 13 ސެލޯފިންކޮޅު ފެނިފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ރ. ފައިނު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މި މައްސަލަ ރ. މީދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.