މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި

ޕޮލިސް ސްޓާފް ސަރޖަންޓް ޙައްވާ ނަސްރާ
faisaa and drug

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަސްތުވާތަކެއްޗާއެކު މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިހާ ހައްޔަރުކޮށްފައިވަނީ މި ޖަނަވަރީ މަހުގެ 14 ވަނަ ދުވަހުގެ ހަވީރު ހުޅުމާލޭ ޕޮލިހުގައި މަސައްކަތްކުރާ ފުލުހުން ހުޅުމާލެތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް، އޭނާއަށް ފުލުހުން ފެނުމާއި ގުޅިގެން އަތުގައި އޮތް އެއްޗެއް އެއްލާލި ތަން ފުލުހުންނަށް ފެނިގެން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތަރު ރަބަރު ޕެކެޓާއި ތިން ސެލޯފިންކޮޅާއި 9325 ރުފިޔާ ފެނުމާއި ގުޅިގެންނެވެ.

އަދި އެމީހާ އެއްލާލި އެތި ނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތް ރަބަރު ޕެކެޓް ފެނިފައިވެއެވެ.

މި މައްސަލަ ހުޅުމާލެ ޕޮލިސް އިން ދަނީ ތަހުގީގު ކުރަމުންނެވެ.