މަސްތުވާތަކެއްޗާއެކު މަހިބަދޫން ދެ މީހުން ހައްޔަރުކޮށްފި

ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މަރިޔަމް އަޒްލިފާ
police-212

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު  ދެ މީހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނަކާއި 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ދެ މީހުން ހައްޔަރުކޮށްފަިއވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިހިނގާ ޖަނަވަރީ މަހު 12 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، އެތަނުން އެކަކު ދިރިއުޅޭ ގެއިންނެވެ.

އެ ދެމީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނެސް އެމީހުން ތިބި ކޮޓަރި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 14 ކަރުދާސްކޮޅު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ހަތް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ މަހިބަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.