viber_image_2020-01-12_15-34-00

 މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ލާމަސީލު ޒުވާނާ" ކޭމްޕް ފަށައިފިއެވެ.

މި ކޭމްޕް ފަށާފައިވަނީ އިއްޔެ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެވެ. މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ އިސްވެރިންނާއި ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި ކޭމްޕުގެ ބައިވެރިންނާއި ބެލެނިވެރިން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ދެއްކެވި ވާހަކަފުޅުގައި ގައުމަށްޓަކައި ކޮށްދޭ ޚިދުމަތަކީ ކޮންމެ މީހަކަށްވެސް ލިބޭ އުފަލަކަށް ވާންޖެހޭނެކަމަށާއި ޒުވާނުންގެ ހިއްސާއާއެކު މެނުވީ ހަރުދަނާ ޖީލެއް ބިނާ ނުކުރެވޭނެކަމަށް ވިދާޅުވއެިެވެ. އަދި ޒުވާނުން މަސައްކަތުގެ މައިދާނަށް ނުކުންނައިރު ކޭމްޕުން ދަސްވާ ކަންކަމުގެ ބޭނުން ހިފައި، ރީތި އަހުލާގީ މިންގަޑު ހިފަހައްޓައި އެހެން މީހުންނަށް އިސްކަންދީގެން ދިރިއުޅުން ބައްޓަންކުރާ ބަޔަކަށްވުމަށް އިލްތިމާސްކުރެއްވިއެވެ.

 އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ކޭމްޕަކީ ޒުވާނުންނަކީ ޒިންމާދާރު ހަރުދަނާ ސިފަވަންތަ، ޤައުމިއްޔަތާއި ދީނަށް ލޯބިކުރާ، މަސައްކަތު މާޙައުލަށް ޝައުޤުވެރި، މަސައްކަތުގެ އަޚުލާގު ދަމަހައްޓާ، ނަމޫނާ ބަޔަކަށް ހެދުމުގެ މަގުޞަދުގައި ފުލުހުންނާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން ހިންގާ ކޭމްޕެކެވެ.

viber_image_2020-01-12_15-33-49

މި ކޭމްޕުގައި އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަމާއި، ފުރަތަމަ އެހީ އާއި އަލިފާނުގެ ހަދިސާތަކުގައި ޢަމަލުކުރަންވީ ގޮތްތަކާއި ސަވައިވަލް ޓެކްނިކްސް އާއި ރެޕަލިންގ އާއި ޑޮމެސްޓިކް ހައުސް ވަޔަރިންގ އާއި ދިރިއުޅުމުގެ ރިވެތި އާދަތަކާއި ލީޑަރޝިޕްގެ ބައިތައް އުނގަންނައިދެވެއެވެ. މީގެއިތުރުންވެސް ނަފްސަށްކުރާ އިތުބާރު ބޮޑުކުރުމަށްޓަކައި ދީނީ ކަންތައްތަކަށް ހޭލުންތެރިކުރުމުގެ އިތުރުންވެސް ތަފާތު ގިނަ ހަރަކާތްތަކާއި ބައިވެރިންނަށް މުހިންމު މަޢުލޫމާތު މަޢުލޫމާތުތައް ފޯރުކޮށްދެވޭނެއެވެ.

viber_image_2020-01-12_14-00-22

ދ. ވާނީގައި ބާރަ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ މި ކޭމްޕުގައި ދ. އަތޮޅާއި ވ. އަތޮޅު ފިޔަވައި ރާއްޖޭގެ ހުރިހާ އަތޮޅަކުން ޒުވާނުން ބައިވެރިވެއެވެ. މިއަހަރުގެ މި ކޭމްޕުގައި ޖުމްލަ 81 ޒުވާނުން ބައިވެރިވާއިރު އޭގެ ތެރޭގައި 32 އަންހެން ބައިވެރިންނާއި 49 ފިރިހެން ބައިވެރިން ހިމެނެއެވެ.