Maamendhoo

ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގއ. މާމެންދުއަކީ ކުށްމަދު އަމާން ރަށެއްގެ ގޮތުގައި ބޭއްވުމަށް މާމެންދޫ ޕޮލިސް ސްޓޭޝަނާއި ވިލިނގިލީ ޕޮލިސް ސްޓޭޝަނުގެ ފުލުހުން ގުޅިގެން ޚާއްސަ އޮޕަރޭޝަންތަކެއް ފަށައިފިއެވެ.

އެގޮތުުން މި އޮޕަރޭޝަންތަކަކީ މާމެންދުއަކީ ކުށްމަދު ރައްޔިތުންތަކެއް ދިރިއުޅޭ ރަށަކަށް ހެދުމާއި ރައްޔިތުންނަށް ދިމާވާ ކަންކަމުގައި ފުލުހުންގެ އެހީތެރިކަން ފޯރުކޮށްދިނުމާ ފުލުހުންނާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރުމަށް ކުރިއަށް ގެންދާ އޮޕަރޭޝަންތަކެކެވެ.

މި އޮޕަރޭޝަންތަކުގެ ތެރެއިން މާމެންދޫގެ ގޭގެއަށް ޒިޔާރަތްކޮށް ރައްޔިތުން ސަމާލުކަންދޭންވީ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން ރަށުގައި ކުށުގެ ވެށި އޮތް މިންވަރު އޮޅުންފިލުވައި ކުށުގެވެށިން ސަލާމަތްވެ ތިބުމަށާއި މުދަލާއި ގޯތިގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޢުލޫމާތުދީ ފައިވެއެވެ. އަދި ކުށްމަދު ކުރުމަށް ދެފަރާތް ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

ރަށުގައި ވިޔަފާރި ކުރާ ތަންތަނަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި، ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވައިފައިވެއެވެ. އަދި ވިޔަފާރިވެރިން ސަމާލުކަންދޭންވީ ކަންކަމާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާއި ވައްކަންކުރުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ތަނުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށްޓަކައި ކެމެރާ ހަރުކުރުމަށް އިރުޝާދު ދީފައިވެއެވެ.

މީގެ އިތުރުން ކުށްތަކަށް މަގުފަހިވާ ގޮތަށް އެރަށުގައި ހުރި ފަޅުގެތަކާއި ހުސްބިންތަކާއި ވަލުތެރެއާއި ރަށުތެރޭގައި ގުރޫޕު ހަދައިގެން މީހުން އެއްވެ އުޅޭ ސަރަޙައްދުތައް ބަލައި ފާސްކޮށްފައިވެއެވެ. އަދި މާމެންދޫގައި ދުއްވާ  އެއްގަމު އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް ދުއްވާ އުޅަނދު ތަކެއްތޯ ބަލައި ފާސްކޮށްފައިވެއެވެ.

އަދި ފުލުހުންގެ ފަރާތުން އެއްވެސް ކަމެއް ރައްޔިތުން ބޭނުންވެއްޖެ ހާލަތެއްގައި ނުވަތަ އެއްވެސް މައްސަލައެއް ރިޕޯޓްކުރަން ބޭނުންވެއްޖެ ނަމަ ގުޅާނެ ނަންބަރު ޙިއްސާކޮށްފައިވެއެވެ.

މި ހިނގާ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ މިއޮޕަރޭޝަންތަކަކީ ސިލްސިލާކޮށް މި އަހަރަށް ކުރިއަށް ގެންދާ އޮޕަރޭޝަންތަކެކެވެ.